25 Dec 2018, 19:58
ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ އެޕޮއިންޓްމެންޓް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ ގޮތުން ޑޮކްޓަރުންނަށް ދެއްކުމަށް ވެއިޓް ލިސްޓްކޮށްފައިވާ ފަރާތްތަކުގެ ލިސްޓް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
ޑޮކްޓަރުންނަށް ދެއްކުމަށް ވެއިޓް ލިސްޓްކޮށްފައިވާ ފަރާތްތަކުގެ ލިސްޓް ރިވިއު ކުރުމުގެ މަސައްކަތް ކުރިއަށް ދާނީ އިއްޔެ އިން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހާ ހަމައަށް ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.
އެގޮތުން އެ މުއްދަތުގެ ތެރޭގައި ވެއިޓް ލިސްޓްކޮށްފައިވާ ފަރާތްތަކަށް އެސްއެމްއެސްއެއް މެދުވެރިކޮށް ކަން ކުރަންވީ ގޮތުގެ އިރުޝާދު ދޭނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އަދި 72 ގަޑިއިރު ތެރޭގައި އެސްއެމްއެސްއަށް ޖަވާބެއް ނުދީފި ނަމަ ވެއިޓް ލިސްޓުން ނަން އުނިކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
"މިގޮތަށް އުނިކުރިކަމުގައިވީ ނަމަވެސް އަލުން ވެއިޓްލިސްޓް ކުރުމުގެ ފުރުސަތުދެވި ކިޔޫ ތަރުތޫބުން އެޕޮއިންޓްމަންޓް ދެވޭނެ ވާހަކަ ދަންނަވަން،" އައިޖީއެމްއެޗުން މިއަދު ނެރުނު ދެންނެވުމެއްގައި ވެއެވެ.
ސަރުކާރުގެ ފަރާތުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި އައިޖީއެމްއެޗުގެ އެޕޮއިންޓްމަންޓް ސިސްޓަމް ރަނގަޅުކޮށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ ނިޒާމެއް ގާއިމް ކުރުން ހިމެނެ އެވެ.
މިހާރު އޮންނަ ގޮތުން ނަމަ އައިޖީއެމްއެޗުން ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދެއްކުމަށް އެންމެ އަވަސްވެގެން ވެސް ފަސް ވަރަކަށް ދުވަސް ނަގައެވެ. އަދި ބައެއް ފަހަރު ވެއިޓްލިސްޓް ކޮށްފައި މަސް ދުވަސް ނަގާ ކަމުގެ ކަންބޮޑުވުން ވެސް އާންމުން ވަނީ ފާޅުކޮށްފަ އެވެ.