25 Dec 2018, 15:53
ހދ. ކޭލަކުނު ހިމެނޭ ގޮތަށް ރާއްޖޭގެ ތިން ސަރަހައްދެއް ހިމާޔަތް ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ހިމާޔަތް ކުރަން ނިންމާފައި ވަނި ހދ. ކޭލަކުނާއި އެ ރަށުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަޙައްދާއި، އެ އަތޮޅުގެ ނޭކުރެންދޫގެ ކުޅި، ފާ، ޗަސްބިން ސަރަޙައްދާއި އަދި ހއ. ބާރަށުގެ ކުޅި، ފާ، ޗަސްބިން ސަރަޙައްދެވެ.
އެ ސަރަހައްދުތައް ހިމާޔަތް ކުރަން ނިންމީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގަ އެވެ.
ހިމާޔަތް ކުރި ސަރަހައްދުތަކުގެ ތެރެއިން ކޭލަކުނަކީ ގުދުރަތީ ގޮތުން ތަފާތު ސިފަތަކެއް ލިބިފައިވާ ރަށެކެވެ. އެ ރަށަކީ ރާއްޖޭގައި ޖަންގައްޔެއް އޮންނަ ހަމައެކަނި ރަށެވެ. ބޮޑުމިނުގައި 80.23 ހެކްޓަރު ހުންނަ އެ ރަށުގައި ބޮޑު ކުޅިއެއް ވެސް އޮވެ އެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެ ރަށް ވަނީ ޓޫރިޒަމް ތަރައްގީ ކުރުމަށް ހުޅުވާލާފަ އެވެ. އެކަމާ ގުޅޭ ގޮތުން ތިމާވެށި ރައްކާތެރި ކުރުމަށް ވަކާލާތު ކުރާ ގިނަ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.
ރާއްޖޭގެ ތިން ސަރަހައްދެއް ހިމާޔަތް ކުރަން ރައީސް ސޯލިހު މިއަދު ނިންމަވާފައިވާ އިރު ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ތަންފީޛުކުރާ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަކީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވައުދެއްކަން ފާހަގަކޮށްލެވެ އެވެ.