ޕްރެމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާގެ ކައިލް ވޯކާ 25 ޔާޑު ދުރުން ކާމިޔާބު ކުރި ލަނޑާއެކު، އާސެނަލް އިތުރު ޕްރެޝަރަކަށް ވެއްޓި، ޗެލްސީ އާއި ފުލަމް އަށް ފަސޭހަ މޮޅެއް ލިބިއްޖެ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޮޓެންހަމް އިން ލީޑު ހޯދިއެވެ. މެޗުގެ 39 ވަނަ މިނެޓުގައި އާސެނަލްގެ ކުރީގެ ތަރި އެމަނުއެލް އަޑެބަޔޯ ދިން ބޯޅައަކުން ވެންޑަ ވާޓް ވަނީ ޓޮޓެންހަމް އަށް ލީޑު ހޯދައިދީފަ އެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-0 ލަނޑުން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ފަސް މިނެޓު ފަހުން އާސެނަލްގެ އާރޮން ރަމްސީ ލަނޑެއް ޖަހައި ނަތީޖާ ހަމަ ހަމަ ކުރިއެވެ. މީގެ އިތުރުން ވެސް އާސެނަލް އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައި ވެއެވެ. މެޗުގެ 72 ވަނަ މިނެޓުގައި ކައިލް ވޯކާގެ ހިތްގައިމު ލަނޑު ފެނިގެން ދިޔައެވެ. މިލަނޑު ވޯކާ ކާމިޔާބު ކުރީ 25 ޔާޑު ދުރުންނެވެ. މިމެޗު ނިމިގެންދިޔައީ 2-1 ލަނޑުން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.

ބޮލްޓަން މައްޗަށް ޗެލްސީ އިން ކުރި ހޯދީ 5-1 ލަނޑުންނެވެ. ފުރަތަމަ ހާފުގައި ޗެލްސީ އިން ވަނީ ހަތަރު ލަނޑު ކާމިޔާބު ކޮށްފަ އެވެ. މެޗުގެ ދެވަނަ މިނެޓުގައި ޑެނިއަލް ސްޓަރިޖް ޗެލްސީ އަށް ލީޑު ހޯދައިދިން އިރު، 15 ވަނަ މިނެޓުގައި ފްރޭންކް ލަމްޕާޑް ވަނީ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. އަދި މެޗުގެ 25 ވަނަ މިނެޓުގައި ސްޓަރިޖް ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކޮށްދީފަ އެވެ. އޭގެ ދެމިނެޓް ފަހުން ލަމްޕާޑް ގެ އިތުރު ލަނޑެއް ވެސް ފެނިގެން ދިޔައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 4-0 ލަނޑުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން މިނެޓެއް ތެރޭ ޑެޑްރިކް ބޮޔާޓާ ވަނީ ޗެލްސީ ގެ ގޯލު ހުޅުވައިދީފައެވެ. މެޗުގެ 59 ވަނަ މިނެޓުގައި ލަމްޕާޑު ވަނީ ހެޓްރިކް ފުރިހަމަ ކޮށް ޗެލްސީ ގެ ފަސްވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މިމެޗު ނިމިގެންދިޔައީ 5-1 ލަނޑުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

ކުޔުޕީއާރު އަތުން ފުލަމް މޮޅުވީ 6-0 ލަނޑުންނެވެ. ފުލަމް އިން ހާފެއްގެ މައްޗަށް ތިން ލަނޑު ކާމިޔާބު ކޮށްފައިވެއެވެ. މެޗުގެ ފުރަތަމަ ލަނޑު ދެވަނަ މިނެޓުގައި ފުލަމްގެ އެންޑްރޫ ޖޯންސަން ކާމިޔާބުކޮށްދިން އިރު، ފުލަމް އަށް ލިބުނު ޕެނަލްޓީއަކުން ދެވަނަ ލަނޑު ކާމިޔާކޮށްދިނީ ޑެނީ މާފީ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖޯންސަން އިތުރު ލަނޑެއް ފުލަމް އަށް ކާމިޔާބު ކޮށްދިނެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-0 ލަނޑުން ފުލަމް ކުރީގައި އޮވެގެންނެވެ.
މެޗުގެ 59 ވަނަ މިނެޓުގައި ޖޯންސަން ވަނީ ހެޓްރިކެއް ހަދާފަ އެވެ. އަދި 65 ވަނަ މިނެޓުގައި ކްލިންޓް ޑެމްޕްސީ ގެ ލަނޑެއް ފެނުނު އިރު، މެޗުގެ 74 ވަނަ މިނެޓުގައި ބޮބީ ޒަމޯރާގެ ލަނޑެއް ފެނިގެން ދިޔައެވެ. މިމެޗު ނިމިގެންދިޔައީ 6-0 ލަނޑުން ފުލަމް ކުރީގައި އޮވެގެންނެވެ.

ރޭ ކުޅުނު އަނެއް މެޗުން ސްވަންސީ އިން ސްޓޯކް ބަލިކުރީ 2-0 ލަނޑުންނެވެ. ފުރަތަމަ ލަނޑު ލިބުނު ސްވަންސީ އަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ސްކޮޓް ސުންކުލެއާ އެވެ. ފަހު ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ސްވަންސީ އަށް ކާމިޔާބު ކޮށްދިނީ ޑެނީ ގްރަހަމް އެވެ.

ޕްރެމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ ގަދަ ހަތަރެއްގެ މަގާމަކަށް އަދިވެސް ބަދަލެއް ނާދެއެވެ. ނަވާރަ ޕޮއިންޓާ އެކު މެންޗެސްޓާ ޔުނައިޓެޑް އޮތްއިރު، މެންޗެސްޓާ ސިޓީ ދެވަނާގައި އޮތީ ހަމަ ނަވާރަ ޕޮއިންޓާއެކު އެވެ. މެންޔުނައިޓެޑް ކުރީގައި އޮތީ ގޯލެއްގެ ތަފާތުންނެވެ. ސޯޅަ ޕޮއިންޓާއެކު ޗެލްސީ ތިންވަނާގައި އުޅޭއިރު، ފަނަރަ ޕޮއިންޓާއެކު ހަތަރު ވަނާގައި އޮތީ ނިއުކާސަލް ޔުނައިޓެޑް އެވެ.