25 Dec 2018, 14:42
"ޕީޕަލްސް އެކްޝަން ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް "ސަން"އަށް ވިދާޅުވީ، އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދިފައި ވަނީ ޝުއައިބު އަލީ ރަޝީދު ނަމަކަށް ކިޔާ ބޭފުޅަކަށް ކަމަށެވެ.
"Peoples Action Party" namugai siyaasee party eh ufehdhumahtakai kuran jehey masakkaiy kurumuge huhdha Elections Commissionun dheefipic.twitter.com/IOlhhqt6BO
— Elections Commission (@ElectionsMv)December 25, 2018
މީގެ ކުރިން އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދިން ފަރާތުން ވަނީ "މޯލްޑިވްސް އެކްޝަން ޕާޓީ"ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދިފައެވެ. ނަމަވެސް އެ ނަމަކީ ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެން ނުވާ ނަމެއް ކަމަށް ނިންމައި އެ ނަމުގައި ޕާޓީ އުފެއްދުމުގެ ހުއްދަ ނުދޭން އީސީން ކުރިން ވަނީ ނިންމާފައެވެ.
އޭގެ އިތުރުން "ދަ ގްރޭޓް ކްރީން ކަނެކްޝަން"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދުމުން، އެ ނަންވެސް އެކަށީގެން ނުވާ ކަމަށް އީސީން ވަނީ ނިންމާފަ އެވެ.
"ޕީޕަލްސް އެކްޝަން ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވާ އިރު އިތުރު ތިން ޕާޓީއެއް އުފެއްދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އެއީ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އަދި ގައުމީ ވިންދު ޕާޓީ އެވެ.
އޭގެ އިތުރުން، ކުރީގެ ރައީސް ޔާމީން ޕީޕީއެމް ދޫކުރައްވައި ވަޑައިގަންނަވަން ޕީޕަލްސް ނޭޝަނަލް ކޮންްގްރެސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.