25 Dec 2018, 14:22
ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެ ޕާޓީން މިއަދު ވަކިވެ ވަޑައިގަންފިއެވެ.
އަބްދުއްރަހީމް އެ ޕާޓީން ވަކިވެފައި މިވަނީ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދުމަށް ހުށަހެޅި ޕީޕަލްސް ނޭޝަނަލް ކޮންގްރަސް (ޕީއެންސީ)ގެ އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ނުދިނުމުންނެވެ.
އީސީގެ ރައީސް އަހްމަދު ޝަރީފް 'ސަން' އަށް ވިދާޅުވީ، އަބްދުއްރަހީމް ޕީޕީއެމުން ވަކިވާން އިއްޔެ ސިޓީ ފޮނުވާފައިވާ ކަމަށާއި އަދި މިހާރު އޭނާ ވަނީ ޕީޕީއެމްގެ މެންބަރު ކަމުން ވަކިކޮށްފައި ކަމަށެވެ.
"އަބްދުއްރަހީމް މިހާރު ވަނީ ޕީޕީއެމުން ވަކިވެވަޑައިގަންފަ. އަދި މިއަދު ގާތް ގަނޑަކަށް 1:30 ގައި ވަނީ ކުރިން ހުށަހެޅި ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދިފަ،" ޝަރީފް ވިދާޅުވި އެވެ.
ޕީއެންސީ އުފެއްދުމުގެ ހުއްދަ ދިނުމާއި ގުޅޭ ގޮތުން އަދި ގޮތެއް ނުނިންމާކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ، މާދަމާ ނޫނީ އަންނަ ހަފްތާގައި އެ ކަމާ ގުޅޭ ގޮތުން ގޮތެއް ނިންމާނެ ކަމަށެވެ.
އާ ސިޔާސީ ޕާޓީއެއް އުފައްދަވަނީ ޕީޕީއެމްގެ މިލްކުވެރިކަމާ ގުޅޭ މައްސަލައެއް ސުޕްރީމު ކޯޓުގައި އޮންނަތާ ދުވަސްތަކެއް ވެފައިވަނިކޮށެވެ.