25 Dec 2018, 14:11
ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަހަތްޕުޅުގައި ހުންނަވައިގެން އުފެއްދުމަށް ހުށަހެޅި ޕީޕަލްސް ނޭޝަނަލް ކޮންގްރަސް (ޕީއެންސީ) އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ނުދޭން ނިންމައިފިއެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އިސްކޮށް ހުންނަވައި، ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނަމުގައި ޕާޓީ އުފައްދަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.
އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އީސީއަށް ފޯމް ހުށަހެޅިއިރު އަބްދުއްރަހީމް ހުންނެވީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައެވެ.
އީސީގެ މެންބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް ވިދާޅުވީ، ޕީއެންސީ އުފެއްދުމަށް ފޯމް ހުށަހެޅިއިރު އަބްދުއްރަހީމް ހުންނެވީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ކަމަށާއި ގާނޫނީ ގޮތުން އެހެން ޕާޓީއެއްގެ މެންބަރަކަށް ޕާޓީއެއް އުފެއްދުމަށް ހުށަނޭޅޭނެ ކަމަށެވެ.
އަދި މިހާރު އަބްދުއްރަހީމް ވަނީ ޕީޕީއެމް އިން ވަކިވެ އަލުން ޕީއެންސީ އުފެއްދުމުގެ ހުއްދައަށް އެދި އީސީއަށް ހުށަހަޅައިފައެވެ.
އާ ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހަޅާފައި މިވަނީ ޕީޕީއެމްގެ މިލްކުވެރިކަމާ ގުޅޭ މައްސަލައެއް ސުޕްރީމު ކޯޓުގައި އޮންނަތާ ދުވަސްތަކެއް ވެފައިވަނިކޮށެވެ.
ކުރީގެ ރައީސް ޔާމީން ވިދާޅުވީ ޕީއެމްގެ މުސްތަގްބަލާ މެދު ގޮތެއް ނުނިމި ކަށި ކުނބުރު ވަލެއްގެ ތެރޭގައި ހިނގަން ބޭނުން ނުވާ ކަމަށާއި، އެމަނިކުފާނަށް ތާއިދު ކުރައްވާ ޕީޕީއެމްގެ އާންމު މެންބަރުންގެ ހިތްތަކަށް ތަސައްލީއެއް ގެނެސްދެވެން އޮތީ އާ ޕާޓީއެއް ހަދައިގެން ކަމަށެވެ.