25 Dec 2018, 14:20
ސިވިލް ސާވިސް ކޮމިޝަނުގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގައި އަމަލު ކުރާ އުސޫލު އެކުލަވާލައި، މިއަދު އާންމުކޮށް، އެއަށް އަމަލު ކުރަން ފަށައިފިއެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގައި އަމަލު ކުރާ އުސޫލަކީ ސަރުކާރުގެ ހުރިހާ އިދާރާތަކުން މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގައި އެއް ހަމައަކުން އަމަލު ކުރުވުމުުގެ މަގުސަދުގައި އެކުލަވާލާފައިވާ އުސޫލެއް ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ ބުނެފައެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީން "ސަން"އަށް ވިދާޅުވީ، މީގެ ކުރިން މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގައި އަމަލު ކުރަމުން ދިޔައީ ސިވިލް ސާވިސް ކޮމިޝަނުގެ ގަވާއިދުގެ ދަށުން ކަމަށެވެ. އަދި މިއަދު އަމަލު ކުރަން ފެށި އުސޫލަކީ އެ ގަވާއިދުގެ ދަށުން ތަފްސީލު ކުރަން ޖެހޭ ބައެއް ކަންތައްތައް ތަފްސީލުކޮށް އެކުލަވާލި އުސޫލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އާ ސަރުކާރެއް އައިސް ބަދަލުވާ ދަނޑިވަޅުގައި، ބައެއް ކަހަލަ ބަދަލުތައް މި އަންނަނީ. މިނިސްޓްރީތަަކަށް އަންނަ ބަދަލާއި، އާ މިނިސްޓްރީތައް އުފެއްދުމާއި، ބައެއް މިނިސްޓްރީތަކުގައި ހުރި މަސައްކަތްތައް އެހެން ދިމަދިމާލަށް ބަދަލު ކުރުމާއި. އެހެންވުމާ އެކު އެކީގައި ބޭނުން ވަނީ މިއަށް [އާ އުސޫލަށް]،" ޝަމީމް ވިދާޅުވިއެވެ.
މިއަދު އަމަލު ކުރަން ފެށި އުސޫލުގައި ބުނެފައި ވަނީ ސިވިލް ސާވަންޓަކު ވަޒީފާއިން ވަކި ކުރެވޭނީ ސިވިލް ސާވިސް ކޮމިޝަނުގެ ގަވާއިދުގެ 223 ވަނަ މާއްދާގައި ބުނާ، އަށް ހާލަތުގެ ތެރެއިން ހާާލަތެއްގައި ކަމަށެވެ.
އެ އުސޫލުގައިވާ ގޮތުން ސިވިލް ސާވެންޓަކު ވަޒީފާއިން ވަކި ކުރާ ނަމަ ނޯޓިސްއާ އެކު ތިން މަސް ދުވަހުގެ މުއްދަތެއް ދޭން ވާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި މުވައްޒަފަށް މުސާރައާއި އިނާޔަތްތައް ލިބެން ޖެހޭނެއެވެ.
އަދި މަސައްކަތް ކުރާ އިދާރާއެއް އުވާލެވޭ ހާލަތެއްގައި ނޯޓިސްގައި ހުރި މުވައްޒަފަކު ވަޒީފާއެއް ނެެރެ ހާޒިރީ ބަލަހައްޓާނޭ ތަން ކަނޑައަޅާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށް އެ އުސޫލުގައިވެއެވެ.
އަދި އިދާރާއަކުން ކުރަމުން ދާ މަސައްކަތެއް އެހެން އިދާރާއަަކަށް ބަދަލުވާ ހާލަތެއްގައި މުވައްޒަފު ވަޒީފާއަށް ނެރެ ހާޒިރީ ބަލަހައްޓާނީ އެ މަސައްކަތަަކާ ހަވާލުވި އިދާރާއަކުން ކަމަށް އުސޫލުގައިވެއެވެ.
އެ އުސޫލުގައިވާ ގޮތުން، ނޯޓިސްގައި ހުންނަ މުވައްޒަފުގެ ހިދުމަތް އިދާރާއަށް ބޭނުން ނުވާ ނަމަ، ނޯޓިސް މުއްދަތަށްވާ މުސާރަ ދިނުމަށް ފަހު މުވައްޒަފު ވަޒީފާއިން ވަކި ކުރުމުގެ އިހްތިހާރު އިދާރާއަށް ލިބިގެންވެއެވެ.
އޭގެ އިތުރުން ނޯޓިސްގައިވާ މީހާ އަކީ، ނޯޓިސް މުއްދަތުގެ ނިޔަލަށް 55 އަހަރު ފުރިފައިވާ މީހެއް ނަމަ، ސިވިލް ސާވިސްގެ ގަވާއިދުގެ 224 މާއްދާގައިވާ ގޮތުން، ސިވިލް ސާވިސް ކޮމިޝަނަށް ލިބިފައިވާ އިހްތިހާރުގެ ދަށުން އެ މުވައްޒަފަކާ މެދު އަމަލު ކުރާނީ ވަޒީފާއިން މުސްކުޅި ކުރެވޭ މުވައްޒަފެއްގެ ގޮތުގައެވެ. އަދި އެ ފަރާތްތަކަށް ވަޒީފާއިން މުސްކުޅި ކުރާ މީހުންނަށް ލިބޭ އިނާޔަތް ލިބިގެންދާނެ އެވެ.
އެ އުސޫލުގައި ވަނީ މުވައްޒަފުން ދޫކޮށްލުމުގައި، އަމަލު ކުރާނޭ މެރިޓް އުސޫލުން ދަރަޖަ ކުރާނޭ މިންގަނޑެއް ވެސް އެކުލަވާލާފައެވެ. އެ މިންގަނޑުގައި ބަލަނީ މުވައްޒަފުގެ ތައުލީމީ ފެންވަރާއި، މަސައްކަތުގެ ތަޖުރިބާ އާއި، ތަމްރީނާއި، މަސައްކަތުުގެ ފެންވަރާއި، ހާޒިރީ އަށާއި، މަސައްކަތުގެ އަހުލާގަށެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގައި އަމަލުކުރާ އުސޫލެއް އެކުލަވާލާފައިވާ އިރު، ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ސިވިލް ސާވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް އެއްފަހަރާ ގިނަ އަދަދެއްގެ ފައިސާ ދިނުމަށް ފަހު ވަނީ ވަޒީފާއިން ވަކި ކޮށްފައެވެ. އެގޮތުން އޭރު ވަޒީފާއިން ވަކިވެގެން ދިޔަ ފަރާތްތަކުގެ ތެރޭގައި ދައުލަތުގެ ޚަރަދުގައި ވަކި ޚާއްސަ ދާއިރާތަކުން މަތީ ތަޢުލީމު ޙާސިލްކޮށްފައިވާ ފަރާތްތައްވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
އޭރު އެގޮތަށް އަމަލުކޮށްފައި ވަނީ، ސަރުކާރުގެ ސިޔާސީ މަގާމުތައްވެސް ވަރަށް ބޮޑަށް އިތުރުކޮށްފައި ވަނިކޮށެވެ.