25 Dec 2018, 14:32
ސިއްހަތަށް ރަނގަޅު ނޫން ކާނާގެ ބާވަތްތަކަށް ހޭލުންތެރިކުރުމަށް ސަރުކާރުން ކުރާ ހޭދަ އިތުރު ކުރުމަށް ކަނޑައަޅާފައިވާ ވައުދު ރަސްމީކޮށް މިއަދު އިފްތިތާހްކޮށް އެ މަަސައްކަތް ފަށައިފިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ސަތޭކަ ދުވަހުގެ ތެރޭގައި ފަށަން ވައުދުވެވަޑައިގެންފައިވާ އެ ވައުދު ފުއްދަން ނުވަތަ އެ މަސައްކަތް ރަސްމީކޮށް ފަށައިގަތުމަށް ހޮޓެލް ޖެންގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ހޭދަ އިތުރު ކުރުމުގެ ވާހަކަ ދައްކާއިރު ކުރިން ކުރި ހޭދަ އަށްވުރެއް 60 ޕަސެންޓްގެ ހޭދައެއް އިތުރު ކުރަން ރާވަފައިވާ ކަމަށާއި ފުރަތަމަ އަހަރުގެ ތެރޭފައި ވެސް އަމާޒު ހިފާފައިވަނީ އެ ހޭދަ އިތުރު ކޮށްގެން ހޭލުންތެރިކުރުމުގެ ގޮތުން 30 އަށް ވުރެއް ގިނަ ހަރަކާތް ފެށުން ކަމަށެވެ.

ސިއްހަތަށް ރަނގަޅުނޫން ބާވަތްތަކާއި ދުރުވުމަށް އާންމުން ހޭލުންތެރިކުރުމަށް ކުރާ ހޭދަ އިތުރުކުރުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން... ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
"މި ސަތޭކަ ދުވަހުގެ ތެރޭގައި މިކަން ފަށައިގަން ކަމުގައި ވިޔަސް ކުރިޔަށް އޮތް އަހަރުތަކުގައި މި ހޭދަ ވަރަށް ބޮޑަށް އިތުރުވެގެންދާނެ" އަމީން ވިދާޅުވިއެވެ.
ސިއްޙަތަށް ގެއްލުންހުރި ބާވަތްތަކަށް އާންމުން ހޭލުންތެރިކުރުމަށް ކުރެވޭ ހޭދަ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިތުރުކުރުމަށް ނިންމާފައިވާއިރު ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެމެހެއްޓެނިވި ގޮތެއްގައި މިދާއިރާއަށް ކުރާ ހޭދަ އިތުރުކުރުމަށް ނިންމަވާފައިވާކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އިތުރަށް ވާހަކަ ދައްކަމުން އަމީން ވިދާޅުވީ، ދުންފަތާއި ސުޕާރީ އަދި އެނާޖީ ޑްރިންކްސް ފަދަ ސިއްހަތަށް ގެއްލުންދޭ އެއްޗެހިން މީހުން ދުރުކުރުމަށް ވަރަށް ބޮޑު އިސްކަމެއްދީގެން މަސައްކަތް ކުރާނެ ކަމަށެވެ.

"ހެލްތް ޕްރޮމޯޝަން އެޑްވައިޒަރީ ބޯޑު" ގެ މެންބަރަކަށް މެންބަރުކަމުގެ ލިޔުން ހަވާލުކޮށްދެނީ... ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
"ސިއްހަތަށް ގެއްލުންދޭ ބާވަތްތަކަށް މީހުން ދުރުކުރުމަށްޓަކައި ހާއްސަ ހޭލުންތެރިކަމެއް އަޅުގަނޑުމެން ކުރާނަން،" މިނިސްޓަރ ވިދާޅުވިއެވެ.
ދުންފަތާއި ސުޕާރީ އަދި އެނާޖީ ޑްރިންކްސް ފަދަ ތަކެއްޗަށް ހޭލުންތެރިކުރުމަށް ތަފާތެއް ފެންނަ ވަރުގެ މަސައްކަތްތަކެއް ހެލްތު މިނިސްޓްރީން ކުރައްވާނެ ކަމަށް މިނިސްޓަރ ވަނީ ޔަގީންކަން ދެއްވާފައެވެ.
ސިއްޙަތަށް ރަނގަޅު ނޫން ބާވަތްތަކާމެދު ހޭލުންތެރިކުރުމަށް ކުރެވޭ ހޭދަ އިތުރުމުގެ ވަޢުދުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތައް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ "ހެލްތް ޕްރޮމޯޝަން އެޑްވައިޒަރީ ބޯޑު"ގެ މެމްބަރުންނަށް މެމްބަރުކަމުގެ ލިޔުންވެސް ޙަވާލުކޮށްދެއްވާފައެވެ. އެބޭފުޅުންނާ މެމްބަރު ކަމުގެ ލިޔުން ޙަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

"ހެލްތް ޕްރޮމޯޝަން އެޑްވައިޒަރީ ބޯޑު" ގެ މެންބަރަކަށް މެންބަރުކަމުގެ ލިޔުން ހަވާލުކޮށްދެނީ... ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
ސިއްޙަތަށް ރަނގަޅު ނޫން ބާވަތްތަކާމެދު ހޭލުންތެރިކުރުމަށް ކުރެވޭ ހޭދަ އިތުރުކުރުމުގެ ވަޢުދުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކު ގެތެރޭގައި މާސް މީޑިއާ މެދުވެރިކޮށް ރަނގަޅު ކާނާ ޕްރޮމޯޓުކުރުމާއި ސިއްޙަތަށް ގެއްލުންވާ ބާވަތްތަކުން ޓެކްސް ނެގުމާއި ހަށިގަނޑަށް ފައިދާ ހުރި ބާވަތްތަކުން ނަގާ ޓެކްސް ކުޑަކުރުމުގެ އިތުރުކުރުމާއި ސްކޫލް ކުދިންނަށް އަމާޒުކޮށް ދުޅަހެޔޮ ދިރިއުޅުމަކަށް ކުރަން ޖެހޭ ކަންކަމާ މެދު ހޭލުންތެރިކުރެވޭނެ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ގައިން ގަޔަށް ނާރާ ބަލިތަކާ މެދު ޢާއްމުން ހޭލުންތެރިކުރުމާއި ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ޤާނޫނު އިސްލާޙުކުރުމާއި ދިވެހިންގެ ސިއްޙީ ހާލަތާއި ގުޅޭގޮތުން މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.