ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާއަށް ވާދަ ކުރަން ޖުމްހޫރީ ޕާޓީ ޖޭޕީން ނުނިންމާ ކަމަށް އެ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވެފައި ވަނީ، ޖޭޕީން 87 ދާއިރާއަށް ވާދަ ކުރަން ނިންމާފައިވާ ކަމަށާއި އެއީ ރާއްޖޭގެ ޑިމޮކްރެސީއަށް ލިބުނު ކުރިއެރުމެއް ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

އަލީ ސޯލިހު ވިދާޅުވީ، 87 ދާއިރާއަށް ވާދަ ކުރަން ޖޭޕީގެ 125 ވަނަ ކައުންސިލުގެ ބައްދަލުވުމުގައި ނިންމާފައި ނުވާނޭ ކަމަށެވެ. އަދި ވާދަ ކުރާ ދާއިރާތައް ވެސް ކަނޑަނާޅާ ކަމަށެވެ.

އޭނާ ވިދާޅުވީ، ޖޭޕީގެ ކައުންސިލްގެ ބައްދަލުވުމުގައި ނިންމާފައި ވަނީ ޖޭޕީގެ މެންބަރުންގެ ތެެރެއިން މަޖިލީހަށް އަށް ޝައުގުވެރިވާ އަދި އެކަމަށް ގާނޫނީ ގޮތުން ޝަރުތު ފުރިހަމަވާ ފަރާތްތަކުން ޖޭޕީއަށް 25 ޖެނުއަރީ 2019 ގެ ނިޔަތަލަށް ހުށަހަޅަން ހުވާލަން ކަމަށެވެ.

އަލީ ސޯލިހު އެހެން ވިދާޅުވެފައިވާ އިރު، ޖޭޕީއަށް ވެސް މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ކެރޭނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ގައުމީ ޖަލްސާގައި ރައީސް ނަޝީދު ހުށަހަޅުއްވައިގެން، އެ ޕާޓީން ވަނީ މަޖިލީހުގެ 87 ދާއިރާއަށް ކުރިމަތިލައްވަން ނިންމަވާފަ އެވެ. އެއީ ކޯލިޝަންގެ ލީޑަރުންގެ މެދުގައި ވެވުނު އެއްބަސްވުމާ ހިލާފު ކަމެއް ކަމަށް ބުނެ އޭރު ވަނީ ކޯލިޝަނުގެ މެދުގައި ދެބަސްވުން އުފެދިފަ އެވެ.

އޭރު އެމްޑީޕީން 87 ދާއިރާއަށް ކުރިމަތިލާން ނިންމާފައިވާ ނަމަވެސް، މަޖިލީހުގެ ނިލަންދޫ ދާއިރާއަށް އެ ޕާޓީގެ ޕްރައިމަރީއަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އެ ދާއިރާއަށް އެ ޕާޓީން ވާދަ ނުކުރާނެ އެވެ.