ކާބުލް (ޑިސެމްބަރު 25): އަފްގާނިސްތާނުގައި ވެރިރަށް ކާބުލްގައި ހަތިޔާރު އަޅައިގެން ތިބި ބަޔަކު ސަރުކާރުގެ އޮފީހަކަށް ވަދެ، ބަޑިންނާއި އަމިއްލައަށް މަރުވެގެން ދިން ހަމަލާތަކުގައި 43 މީހަކު މަރާލައިފި އެވެ.

މިނިސްޓްރީ އޮފް ޕަބްލިކް ވޯކްސް ހުންނަ އެއިމަރާތަށް ބަޔަކު އިއްޔެ ވަދެ ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ފުލުހަކާއި ހަމަލާ ދިނުމުގައި ބައިވެރިވި ހަތަރު މީހުން ހިމެނެ އެވެ.

އަފްގާން ހެލްތް މިނިސްޓްރީން ބުނި ގޮތުގައި ހަމަލާ ދިން މީހުން އިމާރާތަށް ވަނީ އެތަނުގެ ބޭރުގައި ކާރެއް ގޮއްވާލުމަށް ފަހުގަ އެވެ. އޭގެ ސަބަބުން ގާތްގަނޑަކަށް 350 މީހުން އިމާރާތުގައި ތާށިވި އެވެ. އެމީހުން ސަލާމަތްކޮށްފައި ވަނީ ހަމަލާ ދިން މީހުންނާއި ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުމަކަށް ފަހުގަ އެވެ.

އެ ހާދިސާގައި 10 މީހަކަށް އަނިޔާވި ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެ އެވެ. އެއީ މިދިޔަ މަހު ކާބުލްގައި އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއްގައި 55 މީހުން މަރުވި ފަހުން އެސިޓީގައި ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ.