03 Oct 2011, 09:45
ކާބުލް (އޮކްޓޯބަރ 3) : އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތަކީ އެއްބައިވަންތަ ލީޑަރޝިޕެއްނެތް ޖަމާއަތެއް ކަމަށް ވިދާޅުވެ އެޖަމާއަތާއެކު ކުރިޔަށްގެންދިޔަ ސުލްޙައިގެ ވާހަކަތައް ވަގުތީ ގޮތުން ހުއްޓާލުމަށް އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރުޒާއި ނިންމަވައިިފިއެވެ. ކަރުޒާއިގެ ތަރްޖަމާނަކު ވިދާޅުވީ ތާލިބާނުންނާ ސުލްޙައިގެ ވާހަކަތައް ދެއްކުމުގައި އަފްޣާން ސަރުކާރުގެ ފަރާތުން އިސްކޮށް އުޅުއްްވި އެޤައުމުގެ ކުރީގެ ރައީސް ޕްރޮފެސަރ ބުރްހާނުއްދީން ރައްބާނީ، ތާލިބާނުންގެ ޙަމަލާއެއްގައި މިދިޔަ ހަފްތާގައި އަވަހާރަކޮށްލުމަކީ އެޖަމާއަތުގެ ލީޑަރޝިޕެއްނެތްކަން ހާމަވާ ކަމެއް ކަމުގައެވެ.
ތާލިބާނުންނާއެކު ސުލްޙަ ވާނެގޮތުގެ އާ ސްޓްރެޓެޖީއެއް ރައީސް ޙާމިދު ކަރުޒާއި ވަރަށް އަވަހަށް އިޢްލާން ކުރައްވާނެ ކަމަށްވެސް އޭނާގެ ތަރްޖަމާން ވިދާޅުވިއެވެ. ދީނީ ޢިލްމުވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މިދިޔަ ހުކުރު ދުވަހު ކަރުޒާއި ވިދާޅުވީ ސުލްޙައިގެ ވާހަކަތައް ކުރިޔަށް ގެންދަނިކޮށް ރައްބާނީ އަވަހާރަކޮށްލީ ތާލިބާނުން ކަމަށާއި އެޖަމާއަތަކީ ގޮތްނޭންގޭ ޖަމާއަތެއް ކަމުގައެވެ.
ކަރުޒާއި މިހެން ވިދާޅުވި ނަމަވެސް ރައްބާނީ އަވަހާރަކޮށްލުމުގެ ޒިންމާ ތާލިބާނުން ސީދާގޮތެއްގައި އުފުލާފައެއް ނުވެއެވެ. ރައްބާނީ އަވަހާރަކޮށްލާފައިވަނީ ތާލިބާނުންގެ މީހަކު އޭނާއާ ސުލްޙައިގެ ވާހަކަތައް ދެއްކުމަށް ޓަކައި ގޮވާތަކެތީގެ ބެލްޓެއް ފަގުޑީގައި ހަރުކޮށްގެން ގޮސް ރައްބާނީ އަރިހުގައި އިދެ އެބެލްޓް ގޮއްވާލައިގެން ދިން އަމިއްލައަށް މަރުވުމުގެ ޙަމަލާއެއްގައި ކަމަށް އަފްޣާން ފުލުހުން ބުނެއެވެ. (އަލްޖަޒީރާ)