04 Jun 2010, 15:17
19:00
ދިވެހި ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ ހަރުދަނާ ކުރުމުގައި އެހީތެރިވެދިނުމަށް ރާއްޖޭން އދ. ގައި އެދިއްޖެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ދިވެހި ރާއްޖޭން މިކަމަށް އެދިފައިވަނީ އިންސާނީ ހައްޤުތަކާ ބެހޭ އދ. ގެ މަޖިލީހުގައި މިހާރު ކުރިއަށްދާ އެމަޖިލީހުގެ ޖަލްސާއެއްގެ ބަހުސެއްގައި ވާހަކަދައްކަވަމުން ޖެނީވާގައި ހުންނަ އދ ގެ އޮފީހަށް ރާއްޖޭއިން ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު އިރުތިޝާމް އާދަމް ކަމަށެވެ.
އިރުތިޝާމް އާދަމް މިކަމަށް އެދިވަޑައިގަތީ އެ މަޖިލީހުގެ ސެޝަންއަށް ސްޕެޝަލް ރެޕަޓުއަރ އޮން ދި އިންޑިޕެންޑެންސް އޮފް ޖަޖަސް އެންޑް ލޯޔަރޒް، މިސް ގެބްރިއެއްލާ ކެރީން ކްނައުލް ޑެ އަލްބުކުއޭކޫ އޭ ސިލްވަރ ހުށައެޅުއްވި ރިޕޯޓާއި ގުޅިގެން ހުޅުވާލެވުނު ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ކަމަށާއި ސްޕެޝަލް ރެޕަޓުއަރގެ ރިޕޯޓް ހާއްސަ ވެފައިއޮތީ ވަކީލުންނާއި ފަނޑިޔާރުންނަށް ކިޔަވާދިނުމާއި ތަމްރީން ދިނުމުގެ މައްޗަށް ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ. މިގޮތުން މިރިޕޯޓްގައި އެކަމަނާވަނީ އިންސާނީ ހައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ޤާނޫނާއި އުސޫލުތަކާއި މިންގަނޑުތަކަށް އަންނަމުންދާ ބަދަލުތަކާއި ބެހޭ މައުލޫމާތުތައް ފަނޑިޔާރުންނަށް ފުރިހަމައަށް އަންގާދެވެމުންދާންވާނެ ކަމުގައި ވިދާޅުވެފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
މިރިޕޯޓަށް މަރުހަބާ ދައްނަވަމުން މިއީ ދިވެހިރާއްޖޭގެ މިހާރުގެ ހާލަތާ ވަރަށް ގުޅޭ ރިޕޯޓެއް ކަމަށާއި ރާއްޖޭގެ ސިޔާސީ މަސްރަހަށާއި އިޤްތިސާދީ ގޮތުންނާއި ޤާނޫނީ ގޮތުން ޤައުމަށް އަންނަމުންދާ ކުރިއެރުންތަކުގެ ސަބަބުން ޤައުމުގެ އަދުލު އިންސާފުގެ ދާއިރާއަށް ވަރަށް ބާރު ބޮޑުވެފައިވާ ކަމަށް އިރުތިޝާމް ވިދާޅުވި ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.
އިރުތިޝާމްގެ ވާހަކަ ނިންމަވާލެއްވީ ސްޕެޝަލް ރެޕަޓުއަރ ދިވެހިރާއްޖެއަށް 2007 ވަނަ އަހަރު ކުރެއްވި ދަތުރުފުޅުގެ ފޮލޯއަޕް ހައްދަވާ ޖުޑީޝިއަލް ސަރވިސް ކޮމިޝަނާއި ވަކީލުންނާއި ފަނޑިޔާރުންނާއި ސަރުކާރާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ފަރާތްތަކާއި ގުޅިވަޑައިގެން ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ ހަރުދަނާ ކުރެއްވުމުގައި އެހީތެރިވެދެއްވުމަށް އެދިވަޑާއިގަންނަވަމުން ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ޖެނީވާގައި މިހާރު ކުރިއަށްދާ އެކައުންސިލްގެ 14 ވަނަ ސެޝަން މިދިޔަ މަހުގެ 31 އިން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.