ރާއްޖޭގެ މަސްވެރި އުޅަނދުތައް އެހެން ގައުމުތަކުގެ އިގްތިސޯދީ ކަނޑުގެ ސަރަހައްދަށް ވަންނަ ކަމުގެ ރިިޕޯޓު ލިބޭކަމަށް އެމްއެންޑީއެފް ކޯސްޓު ގާޑުން ބުނެފިއެވެ.

މިމަހުގެ 19 ވަނަ ދުވަހު ރާއްޖޭގެ އިގްތިސޯދީ ކަނޑުގެ ސަރަހައްދުން ފެނުނު ބޭރުގެ މަސްބޯޓާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯސްޓު ގާޑުގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވީ އަވައްޓެރި އެހެން ގައުމުތަކުގެ ކަނޑުގެ ސަރަހައްދަށް ދިވެހި މަސްވެރި ބޯޓުތަކުން ވަންނަ ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި އެފަދަ ކަންތައް ހުއްޓާލަން ޖެހޭ ކަމަށެވެ.

ބްރިގޭޑިއާ ޖެނެރަލް ޒުހައިރު ވިދާޅުވީ އިންޑިއާ ސިފައިންނާ އެކު ކޮންމެ މަހަކު އެއްފަހަރު ރާއްޖޭގެ އިގްތިސޯދީ ކަނޑުގެ ސަރަހައްދު ބެލުމަށް ސާވައިލަންސް އެކްސަސައިޒް ހިންގާ ކަމަށާއި ރާއްޖޭގެ ކޯސްޓުގާޑުން އަމިއްލައަށް އެ މަސައްކަތް ކުރުމަށް ވަސީލަތްތައް ނެތް ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަތިޔާރާއި މަސްތުވާތަކެތީގެ ވަގު ވިޔަފާރީގެ ހަރަކާތްތައް ހިންގާ ކަން ޒުހައިރު ފާހަގަ ކުރެއްވިއެވެ.

"ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އެކުވެރި ގައުމުތަކުގެ އެހީތެރިކަން ހޯދަން ޖެހޭ. އިގްތިސޯދީ ފުދުންތެރިކަން ނެތި ރާއްޖޭގެ ހުރިހާ ސަރަހައްދެއް ބެލެހެއްޓުމަކީ ދިވެހި ސިފައިންނަށް އެކަނި ކުރެވޭވަރުގެ ފަސޭހަ ކަމެއް ނޫން،" ޒުހައިރު ވިދާޅުވީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އެހެން އެކުވެރިގައުމުތަކުގެ އެހީ ހޯދަނީ އެއީ ހުރިހާ ޖަޒީރާ ގައުމެއްގައިވެސް ކަންކުރާ އުސޫލުން ކަމަށެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލައާ ގުޅީގެން ކޯސްޓުގާޑުން ބުނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ނަމަވެސް އިސްތިގުލާލަށް ބުރޫ އަރާވަރުގެ ކަމެއް ހިނގައިފާނެތީ ރައްޔިތުން ކަންބޮޑުވާން ނުޖެހޭނެ ކަމަށެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު ބެލެހެއްޓުމަށެވެ.

ހެލިކޮޕްޓަރުތައް ބެލެހެއްޓުމަށް ދިވެހި ސިފައިން ތަމްރީނު ނުކުރޭތޯ "ސަން" އިން ސުވާލު ކުރުމުން ބްރިގޭޑިއާ ޖެނެރަލް ޒުހައިރު ވިދާޅުވީ ތަމްރީނު ކުރުމަށް ހަރަދުތަކެއް ހިނގާ ކަމަށާއި ނަމަވެސް މިހާރުވެސް ދިވެހި ޕައިލެޓުންނާއި އިންޖިނިއަރުން ތަމްރީނު ކުރަމުން ދާ ކަމަށެވެ.

ހެލިކޮޕްޓަރުތައް ބަލަހައްޓާ މެއިންޓެއިންކޮށް އޮޕަރޭޓް ކުރަނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޒުހައިރު ވިދާޅުވީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން މަސައްކަތް ކުރަނީ ކޯސްޓުގާޑުގެ ބެލުމުގެ ދަށުން ކަމަށެވެ.