ރާއްޖޭގެ އިގްތިސޯދީ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅެނިކޮށް މިމަހުގެ 19 ވަނަ ދުވަހު ހިފެހެއްޓި ބޯޓުގައި މިޔަރުވެސް ބާނާފައި ހުރިކަމަށް ކޯސްޓު ގާޑުން ބުނެފިއެވެ.

މި ބޯޓާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު އެމްއެންޑީއެފް ކޯސްޓުގާޑުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޯސްޓުގާޑުގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވީ ގދ ގައްދޫ އިރުން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދަށް ވަދެ އުޅުނު މަސްބޯޓު އެމްއެންޑީއެފް ކޯސްޓުގާޑުގެ ބެލުމުގެ ދަށުން މިހާރު ދިވެހި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

"މި ބޯޓުގައި ކަނޑުމަހުގެ އިތުރުން މިޔަރުވެސް ހުރި. ގާތްގަނޑަކަށް ޓަނެއްގެ މަސް މި ބޯޓުގައި ހުރިކަން ފާހަގަކުރެވުނު،" ޒުހައިރު ވިދާޅުވީ މި އުޅަނދު ރާއްޖޭގެ އިގްތިސޯދީ ސަރަހައްދަށް ވަދެ އުޅޭކަމުގެ މައުލޫމަތު ކޯސްޓު ގާޑާ ހިއްސާކުރީ މަސްވެރި ބޯޓަކުން ކަމަށެވެ.

މި މަސްބޯޓުގައި ސްރީލަންކާގެ ހަތް ފަޅުވެރިއަކު ތިބި ކަމަށާއި ބޯޓު މިހާރު އޮތީ ތަހުގީގަށް ދޫނިދޫގައި ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

"މި ބޯޓު ފެނިފައިމިވަނީ އިންޑިއާގެ ނޭވީ އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބަލާފައި ވަނިކޮށް،" ބްރިގޭޑިއާ ޖެނެރަލް ޒުހައިރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބަލެލުމަށް ބޭނުންވާ ވަސީލަތްތައް އެމްއެންޑީއެފް ކޯސްޓުގާޑުން ތަރައްގީ ކުރަން ޖެހޭ ކަމަށެވެ.

ދެހާސް ނުވަވަނަ އަހަރުން ފެށިގެން އިންޑިއާ އާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ބެލުމުގެ މަސައްކަތް ވައިގެ މަގުންނާއި ކަނޑުމަގުން ކުރަމުންދާ ކަމަށާއި މަހަކު އެއްފަހަރު މި ބެލުންތައް ބަލާ ކަމަށް ކޯސްޓު ގާޑުން ބުންޏެވެ.

"މަހަކު ދެ ލައްކަ އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް އެބަ ބެލޭ. ރާއްޖޭގެ ސަރަހައްދަކީ ގާތްގަނޑަކަށް ނުވަ ލައްކަ އަކަ ކިލޯ މީޓަރު. މި މަސައްކަތް ކަނޑުގެ މަގުން ކުރާނަމަ އެބަދޭ ބައި މިލިއަން ރުފިޔާގެ ތެޔޮ،" މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއެންޑީއެފް ކޯސްޓުގާޑުގެ މޭޖާ އަހުމަދު މުޖުތަބާ ވިދާޅުވިއެވެ. މުޖުތަބާ ވިދާޅުވީ މި ސާވައިލަންސްތައް ކުރިއަށް ގެންދާއިރު ފޯކަސް ކުރަނީ އެއިރެއްގައި އެންމެ މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.