މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ ކޮމިޝަންގައި ހިމެނޭ މެންބަރަކު އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ ކޮމިޝަނުގައި ހިމެނޭ އަބްދުﷲ މުނާޒް މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

މުނާޒް އިސްތިއުފާ ދެއްވުމުން ދެން އެ ކޮމިޝަނުގައި ތިއްބަވަނީ ކޮމިޝަނުގެ ރައީސް ހުސުނުއްސުއޫދު އާއި އާދަމް އިބްރާހިމް އާއި ފަރީޝާ އަބްދުﷲގެ އިތުރުން މިސްބާހު އައްބާސް އެވެ.

މި ކޮމިޝަނުން ތަހުގީގު ކުރާނީ އެކެއް ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018 ގެ ނިޔަލަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން އެކި އެކި ސަބަބުތައް މެދުވެރި ވެގެން އެކަށީގެންވާ މިންވަރަށް ތަހުގީގު ނުކުރެވިހުރި މައްސަލަތައް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

މި ކޮމިޝަނަށް މައްސަލަތައް ތަހުގީގުކުރާ އިދާރާތަކަށް ލިބިގެންވާ ބާރުތައް ލިބިގެންވާ ކަމަށް މީގެ ކުރިން ރައީސް އޮފީހުން ބުނެއެވެ. ނަމަވެސް އެ ބާރުތައް ކޮމިޝަނަށް ދިނުމަށް މަޖިލީހަށް ހުށަހެޅި ބިލް ގާނޫނީ އަދަދު ހަމަ ނުވެގެން އަދި ވަނީ ވޯޓަށް ނޭޙި އެވެ.