25 Dec 2018, 10:12
ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިންގް ޑިރެކްޓަރު (އެމްޑީ)ގެ މަގާމަށް، ޓީވީ މޯލްޑިވްސްގެ ކުރީގެ ޗީފް އޮޕަރޭޓިން އޮފިސަރު އަލީ ހާލިދު އައްޔަން ކުރައްވައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އަލީ ހާލިދު އެ މާގަމަށް އައްޔަން ކުރީ މިއަދު އެވެ.
އަލީ ހާލިދު ވަނީ 2006 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް ޓީވީއެމްގެ ސީއީއޯގެ މަގާމު އަދާކުރައްވައިފަ އެވެ.
އޭރު އެތަނަކީ ދިވެހިރާއްޖޭގެ އަޑާ ވަކިން، ވަކި މެނޭޖްމަންޓެއްގެ ދަށުން ހިންގި ތަނެކެވެ. ނަމަވެސް މިހާރު ވަނީ، ޕަބްލިކް ސާވީސް މީޑިއާގެ ނަމުގައި އިދާރާއެއް އުފައްދަވައި، ޓީވީއެމް އާއި ދިވެހި ރާއްޖޭގެ އަޑު އެއް ފުރާޅެއްގެ ދަށަށް ބަދަލުކޮށްފަ އެވެ.
އަލީ ހާލިދު މިއަދު ސަން އަށް ވިދާޅުވީ އޭނާ ކުރިން ވެސް ޓީވީއެމް ހިންގެވީ ވަރަށް މިނިވަންކޮށް އަދި އިންސާފުވެރިކަމާ އެކު ކަމާށާއި ދެން ވެސް ޓީވީ އާއި ރޭޑިއޯ ހިންގާނީ ޕަބްލިކް ބްރޯޑްކާސްޓިންގެ ދައުރު އަދާކުރެވޭ ގޮތަށް އިންސާފުވެރިކޮށް ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސް ކަމާ ހަވާލުވެވަޑައިގަތް އިރު، ޕީއެސްއެމްގެ އެމްޑީއެއްގެ ގޮތުގައި އެތަން ހިންގެވީ އިބްރާހީމް ހަލީލު އެވެ.
ނަމަވެސް ރައީސް ސޯލިހު ހުވާ ކުރެއްވިތާ މާ ގިނަ ދުވަހެއް ނުވެ، އޭނާ ވަނީ އެ މަގާމުންވަކިކޮށްފަ އެވެ.