03 Oct 2011, 09:41
ޔޫރަޕްގެ އިއްތިޙާދު ރޫޅިގެން ހިނގައިދާނެ ކަމަށް ބުނެފިނަމަ އެކަން ޤަބޫލުކުރުމަކީ އިހަކަށް ދުވަހާ ޖެހެންދެންވެސް މީހަކު ކުރާނެ ކަމެއްނޫނެވެ. ނަމަވެސް ޔޫރަޕްގެ އިއްތިޙާދު ރޫޅިދާނެކަމުގެ އިންޒާރު މިހާރު ޔޫރަޕްގެ އިސްފަރާތްތަކުން ދޭންފަށައިފިއެވެ. މިއާއެކު ޔޫރަޕްގެ އިއްތިޙާދު ރޫޅި ޔޫރަޕްގެ ޤައުމުތައް އަލުން ވިއްސިވިހާލި ވެދާނެ ކަމަށް ޔޫރަޕްގެ ލީޑަރުން މިހާރު ދެކެވަޑައިގަންނަވައެވެ.
ޕޮލެންޑްގެ މާލީ ވަޒީރު ޖެކިކް ރޮތޮސްކީ މީގެ ދެހަފްތާއެއްގެ ކުރިިންވަނީ ޔޫރަޕްގެ އިއްތިޙާދު ރޫޅިގެން ހިނގައިދާނެކަމުގެ އިންޒާރު ދެއްވާފައެވެ. ޖަރުމަނުގެ ޗާންސެލަރ އެންގެލާ މާރކަލް، މީގެދެތިންދުވަސްކުރިންވަނީ ޔޫރަޕިޔަން މަނިޓަރީ ޔުނިޔަން (އީ.އެމް.ޔޫ) ގެ މުސްތަޤްބަލާމެދު ޝައްކުކުރައްވައި ޔޫރޯ ޒޯން ރޫޅިގެން ހިނގައިދާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަަވާފައެވެ.
ޔޫރަޕްގެ ތާރީޚަކީ ތަޅާފޮޅުމާއި ލޭއޮހޮރުވުމާއި އިސްތިޢްމާރާއި އަނިޔާވެރިކަމުގެ ތާރީޚެކެވެ. ދުނިޔެދުށް އެންމެ ނުރައްކާތެރި އަނިޔާވެރިންނާއި ޑިކްޓޭޓަރުންނާއި ރަޙުމް ކުޑަމީހުންނާއި އިސްތިޢްމާރީ އަޅުވެތިކަން ފާޅުވެފައިވަނީ ޔޫރަޕުންނެވެ. ޔޫރަޕްގެ ދޭދޭޤައުމުތަކުގެ ދެމެދުގައި ކުރެވުނު ދިގުލީ އަދި ލޭއޮހޮރުވުން ބޮޑު ހަނގުރާމަތަކުގެ އިތުރުން ދުނިޔޭގެ އެއްވަނަ ބޮޑު ހަނގުރާމައާއި ދެވަނަ ބޮޑުހަނގުރާމައިގެ ވޭންތައް ތަޙައްމަލްކޮށް އޭގެހިތި ތަޖްރިބާވެސް އެންމެ ބޮޑަށް ކޮށްފައިވަނީ ޔޫރަޕްގެ ރައްޔިތުންނެވެ.
މިހަނގުރާމަތަކަށްފަހު ޔޫރަޕް އަލުން އާރާސްތުކޮށް ޔޫރަޕްގެ ރައްޔިތުން ހޯދި އެންމެ ބޮޑުކާމިޔާބީއަކީ ކުރީގެ ކޮމަންމާރކެޓް އަދި މިހާރުގެ ޔޫރަޕްގެ އިއްތިޙާދެވެ. ނަމަވެސް އެ އިއްތިޙާދު މިއަދުމިވަނީ ރޫޅިގެން ހިނގައިދާނެ ކަމުގެ ބިރުހީވެފައެވެ. ޔޫރަޕްގެ އިއްތިޙާދު ރޫޅުމުގެ ބިރު ހީވެފައިވުމުގެ މައިގަނޑު ސަބަބަކީ 500 މިލިޔަން މީހުންގެ މައްޗަށް އެކުލެވޭ ޔޫރަޕްގެ 27 ދައުލަތް ހިމެނޭ ހުޅުވިފަިއވާ ސަރަޙައްދު ގެ ފައިސާ މެނޭޖްކުރުމުގައި ނާކާމިޔާބު ވުމެވެ.
ޔޫރަޕްގެ ގިނަ ޤައުމުތަކުން ޔޫރޯ ބޭނުންކުރާއިރު ބައެއް ޤައުމުތަކުންއަދިވެސް އެޤައުމުތަކުގެ ފައިސާ ބޭނުންކުރަމުން ގެންދެއެވެ. ޔޫރަޕަށް ކުރިމަތިވެފައިވާ މާލީ ކާރިޘާއާ ގުޅިގެން ޔޫރޯ ޒޯން ހަލަބޮލިވެ ޔޫރޯގެ އަގު ވަނީ އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައެވެ. ޔޫރޯގެ އަގު އެއްވަރެއްގައި ނުހިފެހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން މުޅި ޔޫރޯ ޒޯން އެއްކޮށް ރޫޅިގެން ހިނގައިދާނެ ކަމުގެ އިންޒާރު ތަޖްރިބާކާރުން ދެއްވަމުން ގެންދަވާތާ މިހާރު ދުވަސްތަކެއް ވެއްޖެވެ.
އިނިގިރޭސި ޗާންސެލަރ އޮފް އެކްސްޗެކަރ ޖޯޖް އޮޒްބޯން އިއްޔެ ވިދާޅުވީ ޔޫރޯޒޯން ރޫޅިގެން ދިޔުމުން ސަލާމަތް ކުރުމަށް ޔޫރަޕްގެ ލީޑަރުންނަށް ދެން އޮތީ މަދުހަފްތާތަކެއް ކަމުގައެވެ. މިމުއްދަތުގައި އެކަން ނުކުރެވިއްޖެނަމަ ޔޫރޯ ގެ ދުވަސް ދިޔައީ ކަމަށް އިނގިރޭސި މާލީ ވަޒީރު ވިދާޅުވިއެވެ. ޔޫރަޕިޔަން ކޮމިޝަނަރ ޖޯޒޭ މަނުއެލް ވިދާޅުވީ މީގެ 60 އަހަރުކުރިން ޔޫރަޕްގެ އިއްތިޙާދުގެ ބިންގާ އެޅުމަށްފަހު ޔޫރަޕަށް ކުރިމަތިނުވާވަރުގެ އިޤްތީސާދީ އަދި މާލީ ބޮޑު ކާރިޘާއަކާ ޔޫރަޕް މިހާރުވަނީ ކުރިމަތިލާން ޖެހިފައެވެ.
މާލީ ތަޖްރިބާކާރުން ވިދާޅުވަނީ ޔޫރަޕްގައި ބާރުގަދަ އިއްތީޙާދީ މަރުކަޒީ ސަރުކާރެއް އެކުލަވާނުލައި 500 މިލިޔަން މީހުންގެ މައްޗަށް އެކުލެވޭ ޔޫރަޕްގެ 27 ދައުލަތް ހިމެނޭ ހުޅުވިފަިއވާ ސަރަޙައްދު މާލީ ގޮތުން މެނޭޖް ނުކުރެވޭނެ ކަމުގައެވެ. މާނައަކީ ޔޫރަޕްގައި ބާރުގަދަ އިއްތީޙާދީ މަރުކަޒީ ސަރުކާރެއްނެތި ޔޫރޯ ޒޯން ވެއްޓުމުން ސަލާމަތް ނުކުރެވޭނެ ކަމަށާއި މިފަދަ ސަރުކާރެއްނެތި ސިންގަލް ކަރަންސީގެ ގޮތުގައި ޔޫރޯގެ ބޭނުންވެސް މުސްތަޤްބަލްގައި ނުކުރެވޭނެ ކަމުގައެވެ.
ޔޫރަޕްގެ އިއްތިޙާދުގެ ޤަވައިދުތައް ބުނާގޮތުން އެއިއްތިޙާދުގެ ނިންމުންތައް ނިންމަންޖެހެނީ މެންބަރު ޤައުމުތަކުގެ އިއްތިފާޤުންނެެވެ. މާނައަކީ ގިނަ ޤައުމުތަކުން ބޭނުންވާ ކަމަކަށް ހުރަސްއެޅުމުގެ ބާރު އެންމެ ޤައުމަކަށް ލިބިފައި އޮތުމެވެ. ގްރީސް އަށް ކުރިމަތިވި މާލީކާރިޘާއިން އެޤައުމު ސަލާމަތް ކުރުމަށް ހުރިހާ ޤައުމެއް ގުޅިގެން ކުރި މަސައްކަތް ކުޑަޤައުމެއް ކަމަށްވާ ފިންލެންޑުވަނީ މިގަވައިދުގެ ދަށުން ހުއްޓުވާފައެވެ. ޔޫރަޕްގެ އިއްތިޙާދަށް ވަނުމުގެ ފުރްސަތުން ސަރބިޔާ މަހްރޫމް ކުރެވިފައިވަނީ އެންމެ ޤައުމެއްގެ ދެކޮޅު ހެދުމުގެ ސަބަބުންނެވެ. އެއީ ނެދަރލެންޑްސް އެވެ.
މިކަމަށް އިޝާރާތް ކުރައްވައި ސެންޓަރ ފޯރ ޔޫރަޕިޔަން ސްޓަރޑީސް ގެ ރައީސް ކާރލް ލާނޫ ވިދާޅުވެފައިވަނީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާފަދަ ފެޑްރަލް ދައުލަތަކަށް ޔޫރަޕްގެ އިއްތިޙާދު ބަދަލުކޮށްގެން ނޫނީ ޔޫރަޕްގެ އިއްތިޙާދަށް މުސްތަޤްބަލެއް ނެތް ކަމަށާ އަދި ފެޑްރަލް ބޮޑު އެއްދައުލަތަށް ވުމަށް ޔޫރަޕްގެ ގިނަޤައުމުތައް ދެކޮޅު ހަދާކަމުގައެވެ. ނަތީޖާއަކީ ޔޫރަޕްގެ އިއްތިޙާދު ރޫޅިގެން ދިޔުމަށް މަގުފަހިވުމެވެ. ޔޫރަޕްގެ އިއްތިޙާދު ރޫޅިއްޖެނަމަ ޔޫރަޕްގެ ޤައުމުތަކުގައި ކުރިންއޮތް ވާދަވެރިކަން އަލުން ފެންމަތިވުމުގެ ބިރަކީވެސް ނެތްއެއްޗެއް ނޫންކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ.