25 Dec 2018, 10:06
ޖަކާޓާ (ޑިސެމްބަރު 25): އިންޑޮނޭޝިއާގެ ސުމަތުރާގައި އޮންނަ ސައުތް ލަމްޕަންގުގެ ކުޑަ އަވަށަކަށް މީގެ ދެ ދުވަސް ކުރިން ސުނާމީ އެރީ، ގިނަ އަދަދެއްގެ މީހުން ކައިވެނި ހަފްލާއެއްގައި ތިއްބަ އެވެ.
އެސުނާމީ އެރުމުން، އަވަށުގެ ރައްޔިތުން ފުރަތަމަ ހީކުރީ ކާރެއް އެކްސިޑެންޓުވީ ކަމަށެވެ.
"އަހަރެމެން ވާހަކަ ދައްކަން ތިއްބައި ވަރަށް ބާރުގަދަ އަޑެއް އިވުނު. އަދި އެކްސިޑެންޓެއްވީ ކަމަށް ހީކޮށް އެންމެން ދުއްވައިގަތީ މަގުމައްޗަށް. ދެން ފެނުނީ ފެންގަނޑު. ފުރަތަމަ ރާޅު ކުޑަ، ނަމަވެސް ދެވަނަ ރާޅު މާބޮޑުވެފައި މާ ބާރުގަދަ. ދެން އެންމެން ބިރުން (ރާޅާ) ދުރަށް ދުއްވައިގަތީ،" ކައިވެނި ހަފްލާގައި ބައިވެރިވި އަބްދުއްރަހުމާނު ބުންޏެވެ.
އެހަފްލާ ބޭއްވީ މޫދާ ގާތްގަނޑަކަށް 30 މީޓަރު ދުރުގައި ކަމުން، އެޕާޓީގައި ބައިވެރިވި ގިނަ މީހުން ވަނީ ސަލާމަތްވެފަ އެވެ.
"އެދުވަސް ވާން އޮތީ އުފާވެރި ދުވަހަކަށް. ދެން އެ ރާޅު އެރީ،" އަބްދުއްރަހުމާނު ބުންޏެވެ.
ހޮނިހިރު ދުވަހުގެ ރޭ ސުމަތުރާ އާއި ޖާވާއަށް އެރި ސުނާމީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 373 އަށް އަރާފަ އެވެ.
އެގޮތުން ސުނާމީގެ ސަބަބުން ޖާވާއިން މަރުވި މީހުންގެ ތެރޭގައި، އިންޑޮނޭޝިއާގައި މަޝްހޫރު ބޭންޑެއް ކަމަށްވާ ސެވެންޓީންގެ ލަވަކިޔުންތެރިޔާ ފިޔަވާ ހުރިހާ މެމްބަރުންވެސް ހިމެނެ އެވެ.
އެބޭންޑުގެ ބޭސިސްޓު މުހައްމަދު އަވަލް ޕުރުބަނީ، ރޯޑް މެނޭޖާ އޯކީ ވިޖަޔާ، ގިޓަރިސްޓު ހާމަން ސިކުމްބަންގް އަދި ކުރޫ މެމްބަރު ރުކްމާނާ ރުސްޓަމްގެ ހަށިގަނޑު މިހާރު ވަނީ ފެނިފަ އެވެ. އަދި އެބޭންޑުގެ ޑްރަމަރުގެ ހަށިގަނޑުވެސް މިހާރު ފެނިފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެ އެވެ.
މީގެ އިތުރުން ގެއްލުނު މީހުންގެ ތެރޭގައި ސެވެންޓީންގެ ލަވަކިޔުންތެރިޔާ ރައިފިއަން ފަޖަރުސަޔާގެ އަންހެނުން ވެސް ހިމެނެ އެވެ. އޭނާ ވަނީ އޭނާގެ ބޭންޑުގެ މެމްބަރުންނަށާއި އަންހެނުންނަށް ހެޔޮ ދުއާ ކޮށްދިނުމަށް އެދިފަ އެވެ.
އިންޑޮނޭޝިއާގެ ނެޝަނަލް ޑިޒާސްޓާ މިޓިގޭޝަން ސެންޓަރު (ބީއެންޕީބީ)ން ދަނީ ސުނާމީގެ ސަބަބުން ލިބިފައިވާ ގެއްލުން އަންދާޒާ ކުރަމުންނެވެ. އެސެންޓަރުން ވަނީ ގެއްލުނު މީހުންގެ ތެރެއިން އެއްވެސް ބަޔަކު ދިރިތިއްބައި ފެނުމަކީ ނާދިރު ކަމެއް ކަމަށާއި، މިހާރު އިސްކަން ދެނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ކަމަށް ބުނެފަ އެވެ.
އިންޑޮނޭޝިއާގެ މީޓިއޮރޮލޮޖިކަލް އޭޖެންސީން ލަފާ ކުރާ ގޮތުގައި އެސުނާމީ އެރީ ސުމަތުރާ އާއި ޖާވާގެ މެދުގައި އޮންނަ ރަށެއްގެ އަލިފާން ފަރުބަދަ ގޮވައި، އޭގެ ސަބަބަން ކަނޑު އަޑިއަށް އައި ލޮޅުމުގެ ސަބަބުންނެވެ.