އެމެރިކާ އާއި އެމެރިކާ އަށް ވާގިވެރިވާ ގައުމުތަކުގެ ފިއްތުންތަކާއެކުވެސް ޗައިނާގެ ވާވޭ އިން މިއަހަރު ވިއްކި ފޯނުތަކުގެ އަދަދު އިތުުރުވެއްޖެއެވެ. ދުނިޔޭގެ ސްމާޓު ފޯނުގެ ބާޒާރުގައި ދެވަނަ އަށް މިހާރު ލިސްޓު ކުރެވިފައިވާ ވާވޭ އިން މިއަހަރުގެ މިހާތަނަށް 200 މިލިއަނަށްވުރެ ގިނަ ފޯނު ވިއްކާފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ވާވޭ އިން ބުނެފައިވަނީ މިދިޔަ އަހަރަށްވުރެ މިއަހަރު އެކުންފުނިން އުފެއްދި ފޯނު ތަކުގެ އަދަދު 30 ޕަސެންޓު އިތުރު ކަމަށެވެ.

ސްމާޓު ފޯނުގެ ބާޒާރުގައި ވާވޭ ކުރިއަށް ޖެހިލީ އެމެރިކާގެ އެޕަލް ފަހަތަށް ޖައްސާލުމަށް ފަހުގައެވެ. ވާވޭ އިން ވަނީ ފާއިތުވި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވަރުގަދަ ފޯނުތަކެއް ބާޒާރަށް ނެރެފައެވެ. ވާވޭގެ ޕީ 20 ޕްރޯ އާއި އޮނާ 10 އަދި މޭޓް 20 ގެ ފޯނުތަކަކީ ވާވޭގެ މަގުބޫލުކަން ބޮޑުވި އެއް ސަބަބެވެ. މިއީ މިހާތަނަށް ސްމާޓު ފޯނެއްގައި ނުހިމަނާ ވަރުގެ ވަރުގަދަ ފީޗާސްތަކަކާއެކު ބާޒާރަށް ނެރުނު ފޯނު ތަކެކެވެ. މީގެ އިތުރުން ވާވޭގެ މިޑް ރޭންޖުގެ ވަރުގަދަ ފޯނުތަކަކާއެކު ވާވޭގެ މަގުބޫލުކަން ވަނީ އިތުރުވެފައެވެ.