24 Dec 2018, 23:29
އަލަށް އުފެއްދުމުގެ ހުއްދަ ދީފައިވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ)ގެ އިފްތިތާހީ ޖަލްސާ މިރޭ ބާއްވައިފި އެވެ.
ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް އިސްކޮށް ހުންނަވައިގެން އުފައްދާ އެމްޓީޑީ އުފެއްދުމުގެ އާންމު ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައި ވަނީ މިދިޔަ ހަފުތާގަ އެވެ.
އެމްޓީޑީ އިފްތިތާހު ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ
މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވަނީ އެމްޓީޑީގެ އިންތިގާލީ ކައުންސިލަށް 11 މެންބަރުން ހޮވައިފަ އެވެ. އެގޮތުން އެ ޕާޓީގެ މުއައްސިސް އިސްމާއިލް އާސިފް އާއި ވެލިދޫ ދާއިރާގެ މެންބަރު އިސްމާއިލް އާސިފްގެ އިތުރުން ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ އަނބިކަބަލުން މަރިޔަމް ނަޝްވާ ވެސް ކައުންސިލްގައި ހިމެނެ އެވެ.
އިންތިގާލީ ކައުންސިލް
އިސްމާއިލް އާސިފް، ހ. ސިލްވަރީން
- އަބްދުﷲ ޔާމީން ރަޝީދު، ނ. ވެލިދޫ، އަމަން
- މަރިޔަމް ނަޝްވާ، މ. މަލުތެރޭގެ
- އައިމިނަތު ވިޖްނާ މުހައްމަދު، ހ. ޕޯޓްސައިޑް
- ޞާއިފް އަހްމަދު، ގދ. ވާދޫ، ހުސްނުހީނާގެ
- މުހައްމަދު ރީހާން، ކ. ހުރާ، ވައިޖެހޭގެ
- އަބްދުލް ރަޝީދު ނާފިޒް، މ. ލިލީސް
- މަރިޔަމް ސިޔާނާ، ނ. ހޮޅުދޫ، ހުދުވެލި
- ނިމްތާޒް ހިލްމީ، ސ. މަރަދޫ، ހިލްމަން
- ހޫދު އަބްދުލްހަސީބް، ހ. ވެއްޕިލާ
- އާނިސާ ހަސަން، ކ. ތުލުސްދޫ، ވައިލެޓްހައުސް
އެމްޓީޑީގެ އިންތިގާލީ ކައުންސިލްގެ އިތުރުން ވަނީ އެ ޕާޓީގެ ދިދަ އާއި ލޯގޯ ވެސް މި ޖަލްސާގައި ފާސްކޮށްފަ އެވެ.
އެމްޓީޑީ އިފްތިތާހު ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ
ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގައިވާ ގޮތުން ޕާޓީ ރަސްމީކޮށް ރަޖިސްޓްރީކޮށް ދޭނީ ޕާޓީ އުފެއްދުމުގެ ޖަލްސާގައި 300 މީހުން މަދުވެގެން ބައިވެރިވެ، އެ ޕާޓީގެ އަސާސީ ގަވާއިދު ފާސް ކުރުމުންނެވެ. އެމްޑީޓީ އިން މީގެ ކުރިން ވަނީ ޕާޓީއެއް އުފައްދަން ބޭނުންވާ 3،000 މެމްބަރުންގެ ސޮއި ހަމަކޮށް، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފަ އެވެ.
އެމްޓީޑީން މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވަނީ 500 އަށް ވުރެން ގިނަ މީހުން ބައިވެރިވެފަ އެވެ. އަދި އޭގެ ތެރެއިން މެޖޯރިޓީ ހިއްސާ ކުރަނީ ޒުވާނުންކަން ވެސް ފާހަގަ ކޮށްލެވެ އެވެ.
އެމްޓީޑީ އިފްތިތާހު ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ
މިރޭގެ ޖަލްސާގައި ވަނީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު، ހާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެފަ އެވެ. އަދި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަނީ އެމްޓީޑީއާ އެންމެ ފުރަތަމަ ގުޅިވަޑައިގަތް ކުރީގެ ނައިބް ރައީސް އަހްމަދު އަދީބަށް ތައުރީފް ކުރައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ.