ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މިނިސްޓަރުންގެ ނައިބުގެ މަގާމަށް އިތުރު ހަތަރު ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.

މިނިސްޓަރ އޮފް ޓޫރިޒަމްގެ ނައިބުގެ މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ އދ. މާމިގިލީ ކީރަންމާގެ، އަސްއަދު ރިޒާއެވެ.

އަސްއަދު ރިޒާއަކީ މީގެ ކުރީގައި ގިނަ އަހަރުތަކެއްވަންދެން ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ އަދި ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް އިން މާސްޓާސް ފެންވަރަށް ތަޢުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ނައިބުގެ މަޤާމަށް އައްޔަން ކުރީ ބ. ތުޅާދޫ، ނީސް، ޢަބްދުﷲ އަނީސެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އަނީސަކީ ވިޔަފާރީގެ ދާއިރާއިން ތަފާތު އެކި ކުންފުނިތަކާއެކު މަސައްކަތް ކުރައްވާފައިވާ، މިހާރުވެސް އެކައުންޓިންގްގެ ދާއިރާއިން ތަޢުލީމު ހާސިލުކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓުގެ ނައިބުގެ މަޤާމަށް އައްޔަން ކުރީ ގ. ހަނިމާދޫއާގެ، އަޙްމަދު ޒިޔާން ޢަބްދުއްރަޙްމާނެވެ.

ރައީސް އޮފީހުން ބުނީ އޭނާ އަކީ ނެޝަނަލް ޑިޕްލޮމާ އިން ހޮޓެލް ކޭޓަރިންގް އެންޑް އިންސްޓިޓިއުޝަނަލް އޮފަރޭޝަންސް ދާއިރާއިން ތަޢުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ނައިބުގެ މަޤާމަށް އައްޔަން ކުރީ ނ. ޅޮހި، އޯކިޑުމާގެ، އަޙްމަދު އިބްރާހީމެވެ.

އަޙްމަދު އިބްރާހީމަކީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް ގެ އެގްޒެކެޓިވް ކޯޑިނޭޓަރުކަން ކުރައްވައިފައިވާ ނޭޝަނަލް ސްޕޯޓްސް ކައުންސިލްގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓުގެ ނައިބުގެ މަޤާމަށް އައްޔަން ކުރީ އއ. ތޮއްޑޫ، ފިނިވާގެ، ޢަލީ ސާމިން އެވެ.

ރައީސް އޮފީހުން ބުނީ ސާމިން އަކީ ބެޗެލަރ އޮފް އާރޓްސް ގެ ދާއިރާއިން ތަޢުލީމު ހާސިލުކުރައްވާފައިވާ ނޫސްވެރިކަމުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.