ސިޔާސީ ޕާޓީތަކުގެ ދަރަންޏަށް ޕާޓީގެ މާލީ އެންމެ އިސްވެރިޔާ ޒިންމާ ނަގަން ޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ޖެހޭ ކަމަށް އިލެކްޝަން ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވެއްޖެ އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އަކުރަމް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ދަރަންޏަށް ޕާޓީގެ މާލީ އެންމެ އިސްވެރިޔާ ޒިންމާ ނަގަން ޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ޖެހޭ ކަމަށާއ،ި އެހެން ނަހަދައިފި ނަމަ، ޕާޓީތައް ދަރަނިވެރިވެ ނެތި ހިނގައިދާނެ ކަމަށެވެ.

ނޮވެމްބަރ 6، 2016: އިލެކްޝަން ކޮމިޝަންގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ އެހެން ވިދާޅުވެފައި މިވަނީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ ހުށަހަޅުއްވާފައި ވަނިކޮށެވެ. އަދި އެ ޕާޓީ އުފެއްދުމަށް ފަހު އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އެ ޕާޓީއަށް ބަދަލުވެވަޑައިގަންނަވާނެ ކަމަށް އަޑުފެތުރިފައި ވަނިކޮށެވެ.

ޔާމީން އެހެން ޕާޓީއަކަށް ބަދަލުވާން އުޅުއްވާ އިރު، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ޕީޕީއެމްގެ މެންބަރުން މޯލްޑިވިއަންގެ ބޯޓުތަކުގައި ކުރި ދަތުރުތަކަށް ޕީޕީއެމް އިން މޯލްޑިވިއަން އަށް 3.8 މިލިއަން ރުފިޔާ ދައްކަން ޖެހިފައިވާ ކަމަށް ޕީޕީއެމް އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އަކުރަމް މިއަދު އެހެން ވިދާޅުވެފައިވާ އިރު، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ދޫކުރައްވައި ކުރީގެ ރައީސް މައުމޫން ވަޑައިގެންނެވި އިރު އެ ޕާޓީ އަށް ވަނީ ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހިފަ އެވެ. އެ ފައިސާ ދައްކަން ޖެހުނީ އެ ޕާޓީގެ ލީޑަރު ކަމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވި މުހައްމަދު ނަޝީދު (ކާނަލް) އަށެވެ.