ފުލުހުންގެ ވަޒީފާއިން ވަކި ކުރި މުހައްމަދު ޖިނާހަށް ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސްގެ ވަޒީފާ ދީ، މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި 2.8 މިލިއަން ރުފިޔާ ދޭން ދައުލަތުން އެއްބަސްވުމުން އެގޮތަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޖިނާހު ފުލުހުންގެ ވަޒީފާއިން ވަކި ކުރީ 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ. އޭނާ މަގާމުން ވަކި ކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް އެދި އޭނާގެ ފަރާތުން މައްސަލަ ހުށަހަޅާފައި ވަނީ ދާދި ފަހުންނެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ ޖިނާހުގެ ފަރާތުން އެދުނު ކަންތައްތަކަށް އެއްބަސްވެފަ އެވެ. އަދި ޖިނާހު ވަޒީފާއިން ވަކި ކުރީ ރަނގަޅަށް ނޫން ކަމަށް އިއުތިރާފު ވެފަ އެވެ.

ޖިނާހު ފުލުހުންގެ ވަޒީފާއިން ވަކި ކުރި އިރު، ހުރީ ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސްގެ މަގާމުގަ އެވެ. އޭނާއަށް އެ މަގާމު އަނބުރާ ދިނުމުގެ އިތުރުން، މަގާމުން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ދޭ ދުވަހާ ހަމައަށް ހިނގި މުއްދަތުގައި މަގާމުގެ ކުރިއެރުން ދޭން ޖެހޭ ކަމަށް ފުލުހުންނަށް ގަބޫލު ކުރެވޭ ނަމަ، މަގާމުގެ ކުރިއެރުން ދިނުމަށާއި، ވަޒީފާއިން ވަކިކޮށްފައި ހުރި މުއްދަތުގައި އޭނާއަށް ލިބެން ޖެހޭ މުސާރައާއި އެލަވަންސްގެ ގޮތުގައި ޖުމްލަ 2.8 މިލިއަން ރުފިޔާ ދިނުމަށް މިއަދު ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ޖިނާހަށް އަލުން ވަޒީފާ ދޭން ދައުލަތުން އެއްބަސްވިއިރު، އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝާއި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވަކިކުރީ ވެސް ގޯސްކޮށް ކަމަށް ދައުލަތުން ވަނީ އެއްބަސްވެފަ އެވެ. އަދި އެއާ އެކު އެ ބޭފުޅުންނަށް އަލުން ވަޒީފާ ދިނުމަށް ވަނީ ހުކުމް ކޮށްފަ އެވެ.