24 Dec 2018, 18:46
ހުޅުމާލޭ އިރުމަތީ ފަރާތުގައި އޮންނަ ބީޗުގައި ވިޔަފާރި ކުރާ ފަރާތްތަކުން އެތަން އަންނަ މަހުގެ ނިޔަލަށް ހުސްކުރަން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މުއްދަތެއް ދީފި އެވެ.
ހުޅުމާލޭ ބީޗުގައި ހުއްދައާ ނުލައި ވިޔަފާރި ކުރާ މައްސަލަ ދާދި ފަހުން ވަނީ ފެންމަތިވެފަ އެވެ.
މިއަދު އެކަމާ ގުޅިގެން އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭ އިރުމަތީ ފަރާތުގައި އޮންނަ ބީޗާއި ހޭޅިފަށަކީ އާންމު ސަރަހައްދެއް ކަމަށެވެ. އަދި އެ ސަރައްދުގައި ވިޔަފާރި ކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދީފައި ނުވާނޭ ކަމަށެވެ.
އެެހެން ކަމުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެ ސަރަހައްދު ހުސް ކުރަން އެޗްޑީސީން ވަނީ އަންގާފަ އެވެ. އަދި އޭގެ ކުރިން ސަރަހައްދުގައި ގަވާއިދާ ހިލާފަށް އިމާރާތް ކުރުން ހުއްޓާލައި، އެތަނުގައި ކޮށްފައިވާ އިމާރާތްތައް ނެގުމަށް ވަނީ އަންގާފަ އެވެ.
އެ މުއްދަތުގެ ތެރޭގައި އެތަން ހުސްނުކޮށްފި ނަމަ އެޗްޑީސީން ހުސް ކުރާނެ ކަމަށާއި، ގަވާއިދާ ހިލާފަށް މަސައްކަތް ކުރިއަށް ގެންދާ ނަމަ ފިޔަވަޅު ވެސް އަޅާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ހުޅުމާލޭގެ އާންމު ސަރަހައްދުތައް ބޭނުންކުރުމާ ގުޅޭ އުސޫލެއް އެކުލަވާލަން ވެސް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލޭ ބީޗުގައި ހިންގާ ކެފޭތަކުގެ މައްސަލަ ބައްލަވާފައިވާ ކަމަށާއި އެތަންތަން ހިންގަނީ އެޗްޑީސީގެ ހުއްދަ ނެތިކަން ސާފުވެފައިވާ ކަމަށެވެ.
"އެއްތެރީސް ޖެނުއަރީގެ ކުރިން ސަރަހައްދު އާންމު ރައްޔިތުންނަށް ހުރިހަމަގޮތުގައި ބޭނުންކުރުރެވޭނެ ގޮތަކަށް އިންތިޒާމު ކުރުުމަށް އިކޮނޮމިކް މިނިސްޓްރީ އިން މިއަދު އެޗްޑީސީ އަށް އިލްތިމާސް ކޮށްފި،" މިނިސްޓަރުގެ މިއަދު ކުރެއްވި ޓްވީޓުގައިވެ އެވެ.