24 Dec 2018, 18:28
މާލެއިން ހުޅުމާލެއަށް ބަހުގައި ކުރާ ދަތުރުތަކަށް 10 ރުފިޔާގެ ފީއެއް ނަގަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފި އެވެ.
ސިނަމާލޭ ބްރިޖު ހުޅުވި ފަހުން ބްރިޖު ހުރަސްކޮށް ބަހުގައި ދިޔުމަށް ފީއެއް ނަގާފައި ނުވެ އެވެ. އެހެން ނަމަވެސް، މިހާރު ހުޅުމާލެއާ މާލެއާ ދެމެދު ބަހުުގެ ހިދުމަތް ދޭ ކުންފުނި ކަމަށްވާ އެމްޕީއެލް އިން ވަނީ ނިންމާފަ އެވެ.
އެމްޕީއެލްގެ މީޑިއާ އޮފިސަރު ހަސަން ޝިފާން "ސަން" އަށް ވިދާޅުވީ، މާލެ އާއި ހުޅުލެ އަދި ހުޅުމާލެއާ ދެމެދު ކުރާ ހުރިހާ ބަސް ދަތުރަކަށް ނަގަން ނިންމާފައި ވަނީ 10 ރުފިޔާ ކަމަށެވެ.
ބަސް ދަތުރަކަށް 10 ރުފިޔާ ނަގަން ނިންމާފައިވާ އިރު، އެހެން އުޅަނދުތަކަށް ބްރިޖުން ދަތުރު ކުރަން ޓޯލް ފީއެއް ނަގަން ސަރުކާރުން ވަނީ ނިންމާފަ އެވެ. ނަމަވެސް އަދި ނަގާނެ އަދަދެއް ހާމަ ކޮށްފައި ނުވެ އެވެ.
އެމްޕީއެލް އިން ބުނީ ބަހުގެ ޚިދުމަތަށް އަގު ނެގުމަށް ހަމަޖެހިފައި ވަނީ އެމްޕީއެލް އިން އެކަމަށްޓަކައި ތައްޔާރުކުރާ ޓަޗްލިންކު ކާޑުން ކަމަށެވެ. އަދި 25 ޑިސެމްބަރުން ފެށިގެން މާލޭ ބަސްޓާމިނަލުންނާއި ހުޅުމާލޭ މެއިން ބަސް ސްޓޮޕުން ޓޮޕް އައުޓް ކާޑު ވިއްކުމާއި އެ ކާޑަށް ރީލޯޑް ކުރެވޭނެ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.