24 Dec 2018, 16:11
ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް ކެނޑިޑޭޓުން ނެރުމަށް ނިންމި ނިންމުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު ކުރި އެރުމެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އެހެން ވިދާޅުވެފައި ވަނީ، ޖޭޕީގެ ޓިކެޓްގައި މަޖިލީހުގެ އިންތިހާބްގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކުން ކުރިމަތިލުމަށް ރޭ އެ ޕާޓީން ހުޅުވާލައި ނެރުނު އިއުލާނާއި ގުޅިގެންނެވެ.
"ޑިމޮކްރެސީގެ އުސޫލުތަކާ އެއްގޮތަށް ރައްޔިތުންނަށް އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބޭނެމަގު ތަނަވަސްކޮދެމުން ޖޭޕީން 87 ދާއިރާއަށް ކެނޑިޑޭޓުން ނެރުމަށް ނިންމެވިކަމީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު ކުރިއެރުމެއް،" ނަޝީދު ކުރެއްވި ޓްވީޓްގައިވެ އެވެ.
ނަޝީދު ވިދާޅުވީ ސަރުކާރު ހިންގުމުގައި އިއްތިހާދު ބަދަހިކޮށް އޮންނާނެ ކަމީ ކަށަވަރު ކަމެއް ކަމަށެވެ.
ނަޝީދު އެހެން ވިދާޅުވި ނަމަވެސް ޖޭޕީން ރޭ ބުނެފައި ވަނީ އެ ޕާޓީން މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ކުރިމަތިލުމަށް ހުޅުވާލި ނަމަވެސް ހުރިހާ ދާއިރާތަކަށް ކުރިމަތިލުމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.
މަޖިލިސް އިންތިހާބްގައި ސަރުކާރު ކޯލިޝަނުގެ ޕާޓީތަކުން އެންމެ އެކުގައި ވާދަކުރުމަށް ވަނީ މަޝްވަރާތެއް ކޮށްފަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލުހު ހިމެނޭ ގޮތަށް ވެސް އެ މަޝްވަރާތައް ވަނީ ފަށާފަ އެވެ.
ނަމަވެސް އެމްޑީޕީން މިހާރު ވަނީ އެ ޕާޓީގެ ޓިކެޓް ހޯދަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައި އަންނަ މަހު 18ގައި ޕްރައިމަރީ ބާއްވަން ނިންމައިފަ އެވެ. އަދި އެ ފުރުސަތުގައި އެއް ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާތަކަކަށް މީހުން ވަނީ ކުރިމަތި ލައިފަ އެވެ.