24 Dec 2018, 16:18
ދިއްލީ (ޑިސެމްބަރު 24): އިންޑިއާގެ މެގަލާޔާގެ ކޯލް މައިނެއްގައި މީގެ 11 ދުވަސް ކުރިން ތާށިވި 15 މީހުން ހޯދުމަކީ ވަރަށް ބުރަ މަަސައްކަތެއް ކަމަށާއި އެމީހުން ވީހާ ވެސް އަވަހަށް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެގައުމުގެ ނެޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް (އެންޑީއާރުއެފް)އިން ބުނެފި އެވެ.
ގަވާއިދާ ހިލާފަށް ހަދާފައިވާ އެމައިނުގައި މީހުން ތާށިވީ، މައިނުގައި ފެން ބޮޑުވުމުގެ ސަބަބުންނެވެ. އެންޑީއާރުއެފްއިން ދަނީ 370 ފޫޓަށް ކޮނެގެން ހަދާފައިވާ އެމައިނުން ފެން ހިންދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިހާރު އެމަސަައްކަތަށް ބޭނުން ކުރަމުން ދަނީ ދެ ޕަމްޕު ކަމުން، އިތުރު އާލާތްތައް ހޯދުމަށް ސަރުކާރުގައި ވަނީ އެދިފަ އެވެ.
މެގަލާޔާގެ ސަރުކާރުން ވަނީ މައިނުގައި ތާށިވި ކޮންމެ މީހެއްގެ އާއިލާއަށް އެއް ލައްކަ ރުޕީސް (1،428 ޑޮލަރު) ދޭނެ ކަމަށް ބުނެފަ އެވެ.
ގަވާއިދާ ހިލާފަށް އެފަދަ ކުދި 'ރެޓް ހޯލް' މައިން ހެދުން މެގަލާޔާގައި ވަނީ 2014 ވަނަ އަހަރު މަނާކޮށްފަ އެވެ. ނަމަވެސް ގިނަ އަދަދެއްގެ މީހުން އަދިވެސް ދަނީ އެފަދަ މައިން ހަދައި، ބޭނުން ކުރަމުންނެވެ.
އިންޑިއާއަކީ މުޅި ދުނިޔެއިން ތިން ވަނައަށް އެންމެ ގިނައިން ކޯލް އުފައްދާ ގައުމެވެ.