24 Dec 2018, 15:52
ބްރިޖު ހުރަސްކޮށް ދަތުރު ކުރާ ޓެކްސީތައް މޮނީޓާކޮށް ގަވައިދާ ހިލާފަށް އަގު ނަގާ ޓެކްސީތަކާ މެދު ފިޔަވަޅު އެޅުމަށް އިއްޔެ ފެށި ޕްރޮގްރާމް މެދުކަނޑާލަން ނިންމައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުން ޓްރާންސްޕޯޓް މިނިސްޓަރާ މިއަދު ހިއްސާ ކޮށްފައިވާ ކަމަށާއި އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އަގުތައް މުރާޖައާކުރަން ނިންމާފައިވާ ކަމަށެވެ.
"މިއަދު 40 ވަރަކަށް ޓެކްސީ ޑްރައިވަރުން މިނިސްޓަރާ ބައްދަލު ކުރި، އެމީހުންގެ ކޮންސާން އަކީ މިހާރު ޓްރާންސްޕޯޓް އޮތޯރިޓީ އިން ކަނޑައަޅާފައިވާ އަގުތައް މާ ކުޑަކަމަށް، އެ އަގަށް އެކަން ނުކުރެވޭނެ ކަމަށް. އެ މީހުންގެ ޝަކުވާތަކަށް ބަލައި، މިނިސްޓަރު ނިންމެވީ އަގުތައް މުރާޖައާ ކުރަން. އަދި މިހާރު ޓެކްސީތައް މޮނީޓާ ކުރަން ކުރާ މަސައްކަތް މަޑުޖައްސާލަން،"
އޮފިޝަލު ވިދާޅުވީ ބްރިޖު ހުރަސްކުރާ ޓެކްސީތަކުން ނަގާ އަގުތައް މުރާޖައާ ކުރަން ނިންމައި، ޓެކްސީ ޑްރައިވަރުންނާއި އާންމުންގެ ހިޔާލާ އެކު އަގު ކަނޑައެޅުމަށް ވަރަށް އަވަހަށް ފޯރަމެއް ބާއްވާނެ ކަމަށެވެ.
"މީގެ ކުރިން އަގުތައް ކަނޑައަޅާފައި ވަނީ އެއްވެސް ވަރަކަށް ޓެކްސީ ޑްރައިވަރުންނާ މަޝްވަރާ ނުކޮށްކަމަށް ޑްރައިވަރުން ބުނޭ. އަލުން އަގުތައް ކަނޑައާޅާނީ ޓެކްސީ ޑްރައިވަރުންގެ ކޮންސާނަށް ވެސް ބަލައިގެން. އާންމުންނަށް ވެސް ޑްރައިވަރުންނަށް ވެސް ދަތިި ނުވާނެ އަގެއް،"
ބްރިޖު ހުޅުވުމަށް ފަހު ޓްރާންސްޕޯޓު އޮތޯރިޓީ އިން ކަނޑައެޅި އަގުތަކަކީ މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކޮޅަކަށް 40 ރުފިޔާ އެވެ. އަދި ދެ ރަށުން ވެސް ހުޅުލެއަށް ދަތުރުކުރުމަށް ކޮޅަކަށް 35 ރުފިޔާ އެވެ. މާލެ އަދި ހުޅުމާލޭގެ އެތެރޭގައި ކުރިއެކޭ އެއްފަދައިން 25 ރުފިޔާ އެވެ. ޑިކީއަށް ދާގީނާ ލާ ނަމަ އަދި ރޭގަނޑު 12ގެ ފަހުން ދަތުރު ކުރާ ނަމަ އިތުރު ފަސް ރުފިޔާ ނެގިދާނެ ކަމަށް ވެ އެވެ.
ނަމަވެސް ޓެކްސީތަކުން ބްރިޖުމަތިން ކުރާ ކޮންމެ ދަތުރަކަށް 100 ރުފިޔާ ނަގަ އެވެ. ހުޅުލެއަށް ކުރާ ދަތުރަކަށް ވިޔަސް، ހުޅުމާލެ އަދި މާލެއަށް ކުރާ ދަތުރަކަށް ވިޔަސް ބްރިޖު ނުވަތަ ހައިވޭ ހުރަސްކުރާ ނަމަ 100 ރުފިޔާ ނަގަ އެވެ.