ޑެންގޫ ހުމާއި ބޭރަށް ހިންގުން ފެތުރޭ މިންވަރު އަދި ވެސް އިތުރުވަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ބުނެފި އެވެ.

އެ އެޖެންސީ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ފާއިތުވި ދެ ހަފްތާ ތެރޭގައި ބޭރަށް ހިންގުމުގެ 3261 ކޭސް ރެކޯޑު ކުރެވިފައިވާ ކަމަށެވެ. ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ މާލެ އާއި ހުޅުމާލޭގެ އިތުރުން ހދ، ބ، އަދި ލ. އަތޮޅުން ކަމަށް ވެސް އެޗުޕީއޭ އިން ބުންޏެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާ އިރު ފަސް ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ.

ބޭރަށް ހިންގުމާއި ހޮޑުލުން ފެތުރެނީ ކާބޯތަކެތީގެ ޒަރިއްޔާއިންނާއި ބަލިޖެހިފައިވާ މީހެއްގެ ފަރާތުން ކަމަށާއި ބަލިން ރައްކާތެރިވުމަށް ރައްކާތެރި ބޯފެން ބޭނުންކުރުމަށާއި ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.

މިދުވަސްވަރަކީ ސްކޫލު ކުދިންގެ ޗުއްޓީ ދުވަސްވަރަށް ވެފައި ދަތުރުފަތުރުކުރުން އިތުރުވާނެ ދުވަސްވަރަކަށް ވާތީ ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުގެ އިތުރުން ވައިރަލް ހުމާއި އަރިދަފުސް ރޯގާ ފެތުރޭ މިންވަރު ވެސް އިތުރުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެ އެޖެންސީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި ދެ ހަފްތާ ތެރޭ ވައިރަލް ހުން ޖެހިގެން 3418 މީހުން އަދި އަރިދަފުސް ރޯގާ ޖެހިގެން 4367 މީހުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ފާއިތުވި ދެ ހަފްތާ ތެރޭ ޑެންގީ ހުމުގެ 230 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ. ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ހުޅުމާލެ، ހއ. އަދި ރ. އަދި ބ. އަތޮޅުން ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.