ކުރީގެ ރައީސް އަބަދުﷲ ޔާމީންގެ ބޭންކް އެކައުންޓްތައް ފުރީޒްކުރަން ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހަޅައިފިއެވެ.

އެކަމާއި ގުޅިގެން ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ބަންޑާރަ ނައިބް އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ތިން އަމުރެއް ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހަޅާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މި ކޯޓު އަމުރުތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައި ހުރި އިޖުރާއަތްތަކާ ރާއްޖޭގެ ގާނޫނު އަސާސީން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ސިޔާސީ ހައްގުތައް ނިގުޅައިގަނެވޭ ގޮތަށް ނެރެފައި ހުރި ކޯޓު އަމުރުތަކެއް،" އާޒިމާ ވިދާޅުވިއެވެ.

އިސްތިއުނާފަށް ހުށަހަޅާފައި ވާނީ މައިގަނޑު ދެ ގާނޫނީ ނުކުތާއަކަށް ބިނާކޮށްފައިކަން އާޒިމާ ފާހަގަކުރެއްވިއެވެ. އެގޮތުން ކޯޓު އަމުރުތައް ނެރެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށާއި އަދި ޔާމީނަށް ލިބިފައިވާ ސިޔާސީ ހައްގުތައް ނިގުޅައި ގަތުމަށް ކަމަށް ވެސް އާޒިމާ ފާހަގަ ކުރެއްވިއެވެ.

"މި މައްސަލާގައި މިގޮތަށް ސިލެކްޓިވްކޮށް ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކޮށްފައި މިހުރީ ހަގީގަތުގައި ޕީޕީއެމްގެ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ގޮތުން،" އާޒިމާ ވިދާޅުވިއެވެ.

ސިޔާސީ މައްސަލަތަކެއްގެ ގޮތުގައި ސިފަކުރެވެނީ، ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރި ދުވަހު އެކައުންޓުތަކުގައި ހުރި ހުރިހާ ފައިސާއާ ގުޅޭ އެއްވެސް ވާހަކައެއް އަހާފައި ނުވާތީއާއި އެކައުންޓްތައް ފްރީޒް ކޮށްފައިވާކަން ވެސް އަންގާފައި ނުވާތީކަމަށް އާޒިމާ ވިދާޅުވިއެވެ.

އެ ދުވަހު ފުލުހުން ސުވާލުކޮށްގައި ވަނީ 22.5 މިލިއަން ރުފިޔާއަކާއި ގުޅޭ ގޮތުން ކަމަށް އާޒިމާ ފާހަގަކުރެއްވިއެވެ.

ފުލުހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީނުގެ ނަމުގައި ރާއްޖޭގެ ބޭންކްތަކުގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން ފުލުހުންނަށް މައުލޫމާތު ލިބިފައިވާ އެކައުންޓްތަކަށް އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ތެރޭގައި ބޮޑެތި އަދަދުތަކުން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް، އަދި އެ ފައިސާއިން މުއާމަލާތްކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އެ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް، ރައީސް ޔާމީނުގެ އެ ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާ ފްރީޒްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ އެމެރިކާ ޑޮލަރާއި ދިވެހި ފައިސާ ހިމެނޭ ގޮތަށް، 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ އަދަދެއް ކަމަށް ފުލުހުން ހާމަކުރިއެވެ.