24 Dec 2018, 14:32
މާލޭގައި ބިދޭސީން ގެދޮރު ކުއްޔަށް ނަގައިގެން އެހެން މީހުންނަށް ވިޔަފާރި އުސޫލުން ކެއިން ބުއިމާއި ނިދުން ހަމަޖައްސައިދެމުން އަންނަ ކަމަށް ލެބާ ރިލޭޝަން އޮތޯރިޓީން ބުނެފިއެވެ.
ލޭބާ ރިލޭޝަންސް އޮތޯރިޓީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮތޯރިޓީގެ އިންފޮމޭޝަން އޮފިސަރު، އަލީ ޝަރީފް ވިދާޅުވީ، އެފަދަ ތަންތަން ކުއްޔަށް ހިފާއިގެން ބިދޭސީން ނިންދެވުމާއި ކާންދީ، ކާބޯތަކެތި ބަހާ ކަންތައް ކުރާކަމަށެވެ.
"ވިޔަފާރީގެ އުސޫލުން މީހުން ނިންދެވުމުގެ ކަންކަން ކުރޭ، ބޮލަކަށް ވަކިވަރެއް ދޭ ގޮތަށް. އެ ތަންތާގައި ވިޔަފާރީގެ އުސޫލުން ކައްކާއިގެން ބިދޭސީންނަށް ކާންދީ، އަދި ސައިޓުތަކަށް ޕާރުސަލް ބަހާވެސް ހަދާ،" ބިދޭސީން މާލެގައި ތަންތަން ކުއްޔަށް ހިފައިގެން ކަންތައް ކުރާ ގޮތް ކިޔާ ދެމުން އަލީ ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެފަދަ ތަންތާގައި އެ ހިންގަމުންދާ ކަންތައްތަކަކީ ސަރުކާރުގެ އެއްވެސް އިދާރާއަކުން ހުއްދަ ނުހޯދާ ކުރާ ކަންތައްތައް ކަމަށެވެ.

ލެބާ ރިލޭޝަން އޮތޯރިޓީ އިން މިއަދު ބޭއް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/އަހްމަދު އަވްޝަން އިލްޔާސް
އެގޮތުން މިދިޔަ ހަފްތާތެރޭ ހެންވޭރުގެ ތިން ގެއެއް އިންސްޕެކްޓް ކުރެވުނު އިރު، ކުއްޔަށް ހިފައިގެން ބިދޭސީންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހިއްސާކޮށް މިހާރު އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެ އޮތޯރިޓިން ބުންޏެވެ.
އެ އޮތޯރިޓީއިން ބުނީ އެއް ގެޔެއްގައި 300-400 އެއްހާ މީހުންނަށް ކާބޯތަކެތި ބިދޭސީންތަކެއް ވިޔަފާރީގެ އުސޫލުން ބަހަމުން ގެންދާކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެ އޮތޯރިޓީ އިން ބުނި ގޮތުގައި އެފަދަ ތަންތަނަކީ ވަރަށް ބޮޑަށް ހަލާކުވެ، ބާވެފައި ހުރި ކުޑަކުޑަ ގެތަކެއް ކަމަށާއި ސާފްތާހިރުކަމުގެ ގޮތުންވެސް އިންސާނުން އުޅެން ހެޔޮވަރު ތަން ތަން ނޫންކަމަށެވެ.