ހަދަމުންދާ ރިސޯޓެއްގައި ގަވާއިދާ ހިލާފަށް 1،000 ވަރަކަށް ބިދޭސީން މަސައްކަތްކުރަމުންދާ ކަމަށް، ލޭބާ ރިލޭޝަން އޮތޯރިޓީން ބުނެފި އެވެ.

ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން މަސައްކަތް ކުރާ މުވައްޒަފުގެ އަތުގައި ވަޒީފާގައި އުޅޭ ކަމުގެ ބަޔާން އަދި އެއްބަސްވުން ވެސް އޮންނަން ޖެހެ އެވެ.

ލޭބާ ރިލޭޝަންސް އޮތޯރިޓީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮތޯރިޓީގެ އިންފޮމޭޝަން އޮފިސަރު، އަލީ ޝަރީފް ވިދާޅުވީ، އެ އޮތޯރިޓީގެ ފަރާތުން 30 ރިސޯޓެއްގައި ވަޒީފާ އަދާ ކުރަމުންދާ ފަރާތްތަކަކީ ގަވާއިދާ އެއްގޮތަށް ވަޒީފާ އަދާ ކުރަމުންދާ ފަރާތްތަކެއްތޯ މި އަހަރު ބަލާފައިވާ ކަމަށެވެ.

އެގޮތުން އެ އިންސްޕެކްޝަންގައި މިހާރު ތަރައްގީ ކުރަމުންދާ ރިސޯޓަކުން ގަވާއިދާ ހިލާފަށް 1،000 ވަރަކަށް ބިދޭސީން އުޅޭ ކަމަށް އެނގިފާއިވާ ކަމަށާއި ބައެއް ރިސޯޓްތަކުގެ 90 ޕަސެންޓް މީހުންނަކީ ބިދޭސީން ކަމަށް އޭނާ ވިދާޅުވި އެވެ.

"ތަރައްގީ ކުރަމުންދާ ރިސޯޓެއް އިންސްޕެކްޓް ކުރެވުނު އިރު [މިދިޔަ ހަފުތާގައި] ފާހަގަ ކުރެވުނު ގާތްގަނޑަކަށް 1،000 އެއްހާ ގާތް ކުރާ އަދަދަކަށް ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން އުޅޭ ކަމަށް،" އަލީ ޝަރީފް ވިދާޅުވި އެވެ.

"ބައެއް ރިސޯޓްތަކުގައި އެބަތިބި 90 ޕަސަންޓް ބިދޭސީން. އަޅުގަނޑުމެން މި މަހު ތެރޭ ކުރެވުނު އިންސްޕެކްޝަންއަކުން ފާހާގަ ކުރެވުނު، ދިވެހި ހަތަރު މީހުން ދެން ހުސް ބަންގްލަދޭޝް މީހުން. ރިސެޕްޝަންގައި ވެސް. ވޭއިޓަރަކަށް ވެސް އަދި ކައްކަން ވެސް ބަންގްލަދޭޝް މީހެއް،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އެ ރިސޯޓްތަކުގެ ނަންތަކެއް އޭނާ ވިދާޅެއް ނުވެ އެވެ. އަލީ ޝަރީފް ވިދާޅުވީ، މިހާރު އެމައްސަލަތައް ބަލަމުންދާ ކަމަށާއި ތަހުގީގު މަރުހަލާ ނިމުމުން އެ މައުލޫމާތުތައް ހިއްސާ ކުރާނެ ކަމަށެވެ.

ލެބާ ރިލޭޝަން އޮތޯރިޓީ އިން މިއަދު ބޭއް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/އަހްމަދު އަވްޝަން އިލްޔާސް

ރިސޯޓްތަކުގައި ބިދޭސީން ވަޒީފާ އަދާކުރަނީ ކޮންޓްރެކްޓް އުސޫލުން ކުއްޔަށް!

އަލީ ޝަރީފް ވިދާޅުވި ގޮތުގައި، ކޮންޓްރެކްޓަރު ހަދާފައި އެކި މަސައްކަތްތަކަށް ކޮންޓްރެކްޓްގެ އުސޫލުން ބިދޭސީން ކުއްޔަށް ހިފައިގެން ރިސޯޓްތަކުގައި ބިދޭސީން މައްސަކަތް ކުރަމުންދާ ކަމަށެވެ.

"ކުންފުންޏަކާ އެކު މި ހަދަނީ އެއްބަސްވުމެއް. މިސާލަކަށް 30 މީހުން ތިމަންނަމެންނަށް ދޭށޭ، ތިމަންނަމެން ކޮންމެ ބިދޭސީއަކަށް ދޭނަމޭ 200 ޑޮލަރު. އެކަހަލަ ގޮތަކަށް މި ހުންނަނީ އެކި އެކި ކޮންޓްރެކް ހެދިފައި [ރިސޯޓްތަކާ އެކު]. ކޮންޓްރެކްޓަރުތައް މި ހުންނަނީ ކޮންމެ ވެސް މަސައްކަތެއްކުރަން،" ކެންޓްރެކްގެ އުސޫލުން ބިދޭސީން ތިބޭ ކަމަށް މިސާލެއް ޖައްސަވަމުން އަލީ ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޮންޓްރެކް އެގޮތައް ހެދިފައިވީ ނަމަވެސް އެ ބިދޭސީން ރިސޯޓްތަކުގައި ތިބެނީ އެ ރިސޯޓްތަކުގެ އެކި އެކި ވަޒީފާތަކުގައި ކަމަށެވެ.

"މި ބިދޭސީން މި ތިބެނީ ރިސޯޓްތަކުގެ އެކި އެކި ވަޒީފާތަކުގައި. ރޫމް ބޯއިންނަށް ވެސް ތިބޭ، ވެއިޓަރުންނަށް ވެސް ތިބޭ، މިއީ ދިވެހިންނަށް އަދާ ކުރެވޭނެ ވަޒީފާތައް،"

ބިދޭސީން އެތެރެ ކުރެވޭނީ އެ ވަޒީފާއެއް އަދާކުރާނެ ދިވެހިން ނެތް ނަމަ!

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ އޮތޯރިޓީގެ ލީގަލް އޮފިސާ މަރިޔަމް ސާހަތް ވިދާޅުވީ، ގަވާއިދުގައިވާ ގޮތުން ދިވެހިންނަށް އަދާކުރެވޭ ވަޒީފާތަކަށް ބިދޭސީން އެތެރެ ނުކުރެވޭނެ ކަމަށެވެ.

"ކޯޓާ ލިބިފައި އޮތް ނަމަވެސް ގަވާއިދުގައިވާ ގޮތުން ވަޒީފާ އަދާ ކުރެވޭނެ ދިވެއްސެއް ނުލިބިއްޖެ ހާލަތެއްގައި ނޫނީ ބިދޭސީއަކު ލައްވާ ރާއްޖޭގައި މަސައްކަތް ނުކުރެވޭނެ،" ލީގަލް އޮފިސާ ސާހަތް ވިދާޅުވި އެވެ.

ސަމާހަތް ވިދާޅުވީ ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ އަދަދު އެއްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.