ބްރިޖު ހުރަސްކޮށް ކުރާ ދަތުރުތައް ކުރުން ޓެކްސީ ޑްރައިވަރުން ހުއްޓާލައިފި އެވެ. ޓެކްސީ ޑްރައިވަރުންގެ ދަތުރުތައް ހުއްޓާލާފައި ވަނީ ޓްރާންސްޕޯޓުން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑުކޮށް ޓެކްސީތަކުން ފަސިންޖަރުން އަތުން ފައިސާ ނަގާ ޝަކުވާ ބޮޑުވެ، އެކަން ރެގިއުލޭޓު ކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ.

އެގޮތުން ބްރިޖު މަތިން ދަތުރުކުރާ ކާރުތައް ހުއްޓުވައި ޑްރައިވަރުން ޗާޖު ކުރާ ފީ އާމެދު ސުވާލުކުރަން ޓްރެފިކް ޕޮލިހުން އިއްޔެ ވަނީ ފަށަައިފަ އެވެ. މީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީ އިން ވެސް ވަނީ ޓެކްސީތަކުގައި ދަތުރުކޮށް، ޓެކްސީ ޑްރައިވަރުން ޗާޖުކުރާ އަގުގެ އަޖުމަ ބަލަން ނިންމައިފަ އެވެ.

"ސަން" އިން ގުޅާލުމުން 5656 ޓެކްސީ ސެންޓަރުން ބުނީ "ޗެކް ޕޮއިންޓުތައް ގިނަ ކަމުން ބްރިޖު ހުރަސްކޮށް ކުރާ ދަތުރުތައް ހުއްޓާލާފައިވާ" ކަމަށެވެ. އަދި ގިނަ ޓެކްސީ ސެންޓަރުތަކަށް ގުޅުމުން ފޯނު ރިންގުވުމަށް ފަހު "ބިޒީ" ކޮށްލަނީ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ސެންޓަރުތަކުގެ ފަރާތުން މިހާރު ދަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލުންނާ މަޝްވަރާ ކުރަމުންނެވެ.

ބްރިޖު ހުޅުވުމަށް ފަހު ޓްރާންސްޕޯޓު އޮތޯރިޓީ އިން ކަނޑައެޅި އަގުތަކަކީ މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކޮޅަކަށް 40 ރުފިޔާ އެވެ. އަދި ދެ ރަށުން ވެސް ހުޅުލެއަށް ދަތުރުކުރުމަށް ކޮޅަކަށް 35 ރުފިޔާ އެވެ.

މާލެ އަދި ހުޅުމާލޭގެ އެތެރޭގައި ކުރިއެކޭ އެއްފަދައިން 25 ރުފިޔާ އެވެ. ޑިކީއަށް ދާގީނާ ލާ ނަމަ އަދި ރޭގަނޑު 12ގެ ފަހުން ދަތުރު ކުރާ ނަމަ އިތުރު ފަސް ރުފިޔާ ނެގިދާނެ ކަމަށް ވެ އެވެ.

ނަމަވެސް ޓެކްސީތަކުން ބްރިޖުމަތިން ކުރާ ކޮންމެ ދަތުރަކަށް 100 ރުފިޔާ ނަގަ އެވެ. ހުޅުލެއަށް ކުރާ ދަތުރަކަށް ވިޔަސް، ހުޅުމާލެ އަދި މާލެއަށް ކުރާ ދަތުރަކަށް ވިޔަސް ބްރިޖު ނުވަތަ ހައިވޭ ހުރަސްކުރާ ނަމަ 100 ރުފިޔާ ނަގަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އިން ކަނޑައަޅާފައިވާ ޓެކްސީ ކުރުމުގެ އަގުތަކާ ހިލާފަށް ބައެއް ޓެކްސީ ޑްރައިވަރުން އަގު ނަގާ ކަމުގެ ޝަކުވާ ބޮޑުވެފައިވާ އިރު، ޓެކްސީ ޑްރައިވަރުން ބުނަމުންދަނީ ޓްރާންސްޕޯޓުގެ އަގުތަކަށް ދަތުރު ނުކުރެވޭނެ ކަމަށެވެ.