02 Oct 2011, 19:08
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޑީއާރުޕީއަށް ނިސްބަތްވާ ގޮތަށް ބަހުގެ ހަމަލާތައް ދެއްވުމުން މައުމޫނާއި އަރިސް ބޭފުޅުންގެ ތެދުވެރިކަމާއި އިޙްލާޞްތެރިކަމެއްނެތްކަން ހާމަވެގެން ހިނގައްޖެ ކަމަށް ޑީއާރުޕީން މިއަދު ބުނެފި އެވެ.
މައުމޫން ޕީޕީއެމްއަށް ސޮއި ހޯދުމަށް އަތޮޅުތެރެއަށް ކުރައްވާ ދަތުރުތަކުގައި ތ. ގުރައިދޫގައި ވާހަކަފުޅު ދައްކަވަމުން "އެމްޑީޕީ ކުރިހޯދީ ޑީއާރްޕީ ނިދާފައި އޮއްވާ" ކަމަށް ވިދާޅުވުމުން އެކަމަށް ރައްދުދެމުން ޑީއާރުޕީން މިއަދު ނެރުނު ބަޔާނުގައި ބުނަނީ މައުމޫންގެ އެ ވާހަކަތަކަކީ ހަގީގަތާއި ހިލާފު "ބޮޑެތި ދޮގު" ހިމެނޭ ވާހަކަތަކެއް ކަމަށާއި އެމްޑީޕީއަށް ކުރި ލިބި ދިވެހި ރައްޔިތުން ނިކަމެތި ވަމުން އަންނަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މައުމޫން ފެއިލް ވުމުން ކަމަށެވެ.
"ޑީއާރުޕީ ނިދާފައި އޮށްވާ އެމްޑީޕީ ކުރިހޯދި ވާހަކަ ވިދާޅުވިއިރު އެކަން އެހެންދިމާވީ 2008 ވަނައަހަރު އޮތް ރިޔާސީ އިންތިޚާބުގައި ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް އަދި އޭރުގެ ޑީއާރުޕީގެ ޒަޢީމް ރިޔާސީ އިންތިޚާބުގައި ބަލިވެގެން ރާއްޖޭގެވަރިކަން އެމްޑީޕީއަށް ލިބިގެންކަމަށް ވިދާޅުނުވިކަން ހިމެނެއެވެ. ޑީއާރުޕީއަށް ދިމާވި އެންމ ބޮޑު ނާކާމިޔާބާ ކުރިމަތިލާންޖެހި، އެމްޑީޕީ ވެރިކަމަށް އައިސް ރާއްޖޭގެ ގިނަ ރައްޔިތުންނަށް މާޔޫސްކަން ލިބުމުގެ މައިގަނޑު އެއްސަބަބަކީ މުޅި ރިޔާސީ ކެމްޕޭން ރައީސް މައުމޫންގެ ދޮށީ ދަރިކަލުން ފާރިޝް މައުމޫންގެ ބެލުމުގެ ދަށުން އާއިލީކަމެއްގެ ގޮތުގައި ހިންގެވިކަންކަމުގައި ވިދާޅުނުވުންވެސް އޭގެތެރޭގައި ހިމެނެއެވެ،" އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނަނީ އަހުމަދު ތަސްމީން އަލީ ލީޑަޝިޕްގައި ހުންނަވައިގެން ބޮޑު ދެ އިންތިހާބެއް ކާމިޔާބުކުރިއިރު މައުމޫން ވެރިކަމުގައި ހުންނަވައިގެންވެސް އެއްވެސް އިންތިހާބެއް މިހާތަނަށް ކާމިޔާބު ކުރެވިފައި ނުވާކަމަށާއި މަޖިލީހުގެ މެޖޯރިޓީވެސް އެމަނިކުފާނުގެ ޒައާމަތުގައި ހޯދިފައިނުވާކަމަށެވެ.
" މިހާރުގެ ލީޑަރޝިޕްގައި ޑީއާރުޕީގެ މަޖިލީހުގެ މެންބަރުން ޕާޓީންކެނޑިގެންދާކަމަށް ވިދާޅުވިއިރު، ކުރީގެ ރައީސް މައުމޫންގެ ލީޑރަޝިޕްގައި އެމަނިކުފާނު އައްޔަންކުރައްވަވާ 8 މެންބަރުން މަޖިލީހުގައި ތިބެމެ، މަޖިލީހުގެ މެޖޯރިޓީ ޑީއާރުޕީއަށާއި މައުމޫނުގެ ސަރުކާރަށް ގެއްލުނުކަމާއި، ކޮށްކޯފުޅު ޔާމީން ޢަބްދުލްޤައްޔޫމް ޕާޓީގެ ގިނައަދަދެއްގެ މަޖިލިސް މެންބަރުންނާއިއެކު ޑީއާރުޕީން ވަކިވެވަޑައިގެން އަމިއްލަ ޕާޓީއެއްހެއްދެވިކަން ހަދުމަފުޅުނެތަތީވެ ހިތާމަކުރަމެވެ،" ބަޔާނުގައިވެ އެވެ.
މައުމޫނަށް ވަރަށް ބޮޑަށް ފާޑޫކިޔަމުން އެ ބަޔާނުގައި ބުނަނީ މައުމޫން ކުރައްވާ މަސައްކަތް ޕުޅަކީ ދީނާއި ގައުމަށްޓަކާ ކުރަމުން އަންނަ މަސައްކަތްތަކެއް ކަމާމެދު ސުވާލުއުފެދޭ ކަމަށެވެ.
" ޑީއާރުޕީއަށާއި، ޕާޓީގެ ލީޑަރޝިޕަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، އަތޮޅު ކައުންސިލްތަކުގެ އަދި ރަށުކައުންސިލްތަކުގެ ކައުންސިލަރުންނަށާއި، ރައްރަށުގައި ޑީއާރުޕީ ދިރުވުމަށް ދާއޮހުރުވަމަމުންދާ އިސް ފަރާތްތަކަށާއި، ޑީއާރުޕީގެ އާންމު މެންބަރުންނަށް ތުހުމަތުގެ އިނގިލިދިއްކޮށް، ރައްޔިތުންގެ ހިތުގައި ޑީއާރުޕީ އަށް އޮންނަ އިތުބާރު ކުޑަވެދާނެފަދަ ހަޤީގަތާ ޚިލާފު ވާހަކަފުޅުތައް ދައްކަވަމުންގެންދަވަނީ ހަމަ ދީނާއި ޤައުމަށްޓަކައިތޯ މިއަދު ސުވާލު އުފެދެއެވެ،" އެބަޔާނުގައިވެ އެވެ.