ހުޅުމާލޭގެ ބީޗް ފްރަންޓާއި މަގުމަތީގެ ޕޭވްމެންޓުގައި ކެފޭތަކުން މޭޒު ބަހައްޓައިގެން ވިޔަފާރި ކުރާ މައްސަލައިގެ ޝަކުވާ ބޮޑުވެފައިވަނިކޮށް، ހުޅުމާލޭގެ އާންމު ސަރަހައްދުތައް ބޭނުންކުރުމާ ގުޅޭ އުސޫލެއް އެކުލަވާލަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފަށައިފިއެވެ.

އެޗްޑީސީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ހުޅުމާލޭގެ "ޕަބްލިކް ސްޕޭސް" ބޭނުން ކުރުމާ ގުޅޭ އުސޫލެއް އެކުލަވާލުމަށްފަހު އާންމު ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ދެ ހަފްތާ ވެއްޖެ މި ކަމަށް މަސައްކަތް ކުރަމުންދާތާ. އާންމުންނާއި ވިޔަފާރިވެރިންނާވެސްގުޅުން ހުރި ކަމަކަށްވީމާ ސަރުކާރުގެ މުވައްސަސާތަކާއެކު ވާހަކަ ދައްކަމުން މިދަނީ،" އޮފިޝަލު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލޭ ބީޗުގައި ހިންގާ ކެފޭތަކުގެ މައްސަލަ ބައްލަވާފައިވާ ކަމަށާއި އެތަންތަން ހިންގަނީ އެޗްޑީސީގެ ހުއްދަ ނެތިކަން ސާފުވެފައިވާ ކަމަށެވެ.

"އެއްތެރީސް ޖެނުއަރީގެ ކުރިން ސަރަހައްދު އާންމު ރައްޔިތުންނަށް ހުރިހަމަގޮތުގައި ބޭނުންކުރުރެވޭނެ ގޮތަކަށް އިންތިޒާމު ކުރުުމަށް އިކޮނޮމިކް މިނިސްޓްރީ އިން މިއަދު އެޗްޑީސީ އަށް އިލްތިމާސް ކޮށްފި،" މިނިސްޓަރުގެ މިއަދު ކުރެއްވި ޓްވީޓުގައިވެ އެވެ.

އެޗްޑީސީގެ އޮފިޝަލު ވިދާޅުވީ ހުޅުމާލޭގެ ބީޗު ޕޭވްމެންޓް ފަދަ އާންމު ތަންތަން ވިޔަފާރީގެ ބޭނުންތަކަށް ބޭނުންކުރަމުން ދަނީ ގަވައިދާ ހިލާފަށްކަން އަންގައި އެކަން އެކުންފުނީގެ ފަރާތުން މިއަދު އިއުލާނުކުރާނެ ކަމަށެވެ.

"އެންމެ ފުރަތަމަ މުއްދަތެއް ދީފައި އެކަން ރަނގަޅުކުރުމަށް ފުރުސަތު ދޭނަން. އެއަށްފަހު އެކަން އިސްލާހުނުކުރާނަމަ އެޗްޑީސީގެ ފަރާތުން ފިޔަވަޅު އަޅާނެ،"

އެޗްޑީސީގެ އޮފިޝަލު ވިދާޅުވީ ހުޅުމާލެ ބީޗު ސަރަހައްދު ތަރައްގީކުރުމާ ގުޅޭ ޕްލޭންތަކެއް އެޗްޑީސީގައި މިހާރުވެސް އެބަހުރި ކަމަށެވެ. އަދި އެ ޕްލޭންތައް ފަހުން އާންމުކުރާނެ ކަމަށެވެ.