24 Dec 2018, 11:15
ދިރާސީ އާ އަހަރު ފެށޭއިރު ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމު 25 ސްކޫލެއްގައި ފެށިނަމަވެސް، ދެވަނަ ޓާމުގައި ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމު ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ހެނދުނުގެ ނާސްތާ ޕްރޮގްރާމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށާއި، އާންމުންގެ ހިޔާލު ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ރޭ ވަނީ ފޯރަމެއް ބާޢްވައިފައެވެ. މި ފޯރަމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވީ ފަށާއިރު 25 ސްކޫލެއްގައި އެ ޕްރޮގްރާމު ކުރިއަށް ގެންދަނީ ޕައިލެކްޓް ޕްރޮގުރާމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާރު އާންމުކޮށްފައިވާ 10 މެނޫއަށް އާންމުންގެ ހިޔާލާއެކު ބަދަލު ގެންނަވާނެ ކަމަށެވެ. ކާނާ ތައްޔާރު ކުރުމަށް ބަޔަކާ ހަވާލުކުރާއިރު، ކާބޯތަކެތީގެ ރައްކާތެރިކަން ހިފެހެއްޓުމަށް އިސްކަން ދެއްވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިފަދަ ޕްރޮގްރާމެއްގެ މުހިއްމުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ކުދިން ހެނދުނު ސްކޫލަށް ދާއިރު ރަނގަޅު ނާސްތާއެއް ދިނުން މުހިއްމު ކަމަށެވެ. އެކަމާ ގުޅޭ ދިރާސާތައް ޔުނިސެފާ ގުޅިގެން ކުރިއަށް ގެންދެވިފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ ނާސްތާ ޕްރޮގްރަމަކީ ހަމައެކަނި ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާނެ ޕްރޮގްރާމެއް ނޫން ކަމަށާއި އިޖްތިމާއީ ގޮތުން ކުދިންނަށް ދަސްވާންޖެހޭ ކަންކަން ދަސްކޮށް ދިނުމަކީ ވެސް ޕްރޮގްރާމުގެ މަގުސަދެއް ކަމަށެވެ.