އަންނަ ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ "އެންޓީއާރް" ބައޯޕިކްގެ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.

ފިލްމުގެ ބައެއް މަންޒަރުތައް ހިމަނައިގެން އާންމުކުރި އެ ޓްރެއިލާއަށް ބޮޑު ތަރުހީބެއް ވެސް އަންނަނީ ލިބެމުންނެވެ. ޔޫޓިބުން ވެސް މިހަތާތަނަށް އައި އިރު 7.0 މިލިއަނަށް ވުރެއް ގިނަ މީހުން ވަނީ އެ ޓްރެއިލާ ބަލާފައެވެ.

އެ ޓްރެއިލާއިން ވެސް ފިލްމަކީ ވަރުގަދަ ފިލްމަކަށް ވާނޭކަން އިނގެއެވެ. އަދި ފިލްމަކީ މީހުން ގަޔާކޮށްލާނެ ވަރުގެ މަންޒަރުތަކެއް އެކުލެވޭ ފިލްމަކަށް ވާނެއެވެ.

"އެންޓީއާރް" ބައޯޕިކްގެ ޓްރެއިލާ...

"އެންޓީއާރް" އަކީ ކްރިޝް ޖަގަރްލަމަޑް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އޭނާގެ އިތުރު ފިލްމެއް ވެސް އަންނަ މަހުގެ ތެރޭގައި ސިނަމާތަކަށް އަންނާނެއެވެ. އެއީ ކަންގަނާ ރަނާވަތު ލީޑު ރޯލަށް ލައިގެން ހަދާ ތާރީހީ ފިލްމު "މަނިކަރުނިކާ" އެވެ.

"އެންޓީއާރް"ގައި ސްރީދޭވީގެ ރޯލުން ފެންނާނީ ރަކުލް ޕްރީތުއެވެ. އަދި ޓައިޓަލް ރޯލުން ނަންދަމުރީ ބާލަކްރިޝްނާ ފެންނާނެއިރު ފިލްމުގެ މުހިއްމު ރޯލަކުން ވިދްޔާ ބާލަން ވެސް ފެންނާނެއެވެ. އޭގެ އިތުރުން ރާނާ ދަގޫބަތީ، ބާރަތު ރެޑީ، ޕޫނަމް ބަޖްވާ އަދި ސަޗިން ކެޑޭކަރު ފަދަ އެކްޓަރުން ވެސް އެ ފިލްމުން ފެންނާނެއެވެ.