24 Dec 2018, 10:29
"ޕީޕަލްސް ނޭޝަނަލް ކޮންގްރެސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ސްޕޯކްސް ޕާސަން އަދި އެ ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އަދުރޭ ފޯމު ހުށަހެޅުއްވީ އިއްޔެ ކަމަށެވެ.
އަކްރަމް ވިދާޅުވީ ފޯމުގައި އެއްވެސް މައްސަލައެއް ނެތް ނަމަ، ހަފްތާއެއްގެ ތެރޭގައި ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަނުން ދޭނެ ކަމަށެވެ.
އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޕީޕީއެމްގެ ނައިބު ރައީސް އަދުރޭ، ފޯމު ހުށަހަޅުއްވާފައި މިވަނީ ރައީސް ޔާމީން ފަހަރުގައި ހުންނަވައިގެން ޕިޕީއެމްގެ ބައެއް މެންބަރުން އިސްނަގައިގެން އެހެން ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެފައި ވަނިކޮށެވެ.
އާ ސިޔާސީ ޕާޓީއެއް އުފައްދަވަނީ ޕީޕީއެމްގެ މިލްކުވެރިކަމާ ގުޅޭ މައްސަލައެއް ސުޕްރީމު ކޯޓުގައި އޮންނަތާ ދުވަސްތަކެއް ވެފައިވަނިކޮށެވެ. ރައީސް ޔާމީން ވިދާޅުވީ ޕީއެމްގެ މުސްތަގްބަލާ މެދު ގޮތެއް ނުނިމި ކަށި ކުނބުރު ވަލެއްގެ ތެރޭގައި ހިނގަން ބޭނުން ނުވާ ކަމަށާއި، އެމަނިކުފާނަށް ތާއިދު ކުރައްވާ ޕީޕީއެމްގެ އާންމު މެންބަރުންގެ ހިތްތަކަށް ތަސައްލީއެއް ގެނެސްދެވެން އޮތީ އާ ޕާޓީއެއް ހަދައިގެން ކަމަށެވެ.
"އާ ޕާޓީއެއް އެ ހައްދަވަނީ އަޅުގަނޑުމެން ޕާޓީގެ އިސް ބޭފުޅުންކޮޅެއް. އަޅުގަނޑު ވަރަށް އިތުބާރު ކުރާ އަޅުގަނޑުގެ ފުރިހަމަ ރުހުމާއި ތާއީދާއި ހިތްވަރު ދިނުމާއި އެކީގައި އަޅުގަނޑު ހަމަ ބެކް ކުރާތީ އެ ހައްދަވަނީ،" މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ޕީޕީއެމްގެ އިވެންޓެއްގައި ކުރީގެ ރައީސް ޔާމީން ވިދާޅުވި އެވެ.
އާ ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރިއަށްދާ އިރު ޕީޕީއެމް ވެސް ކުރިއަށް ދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އާ ޕާޓީ އުފެއްދުމުގެ މަސައްކަތް ރަސްމީކޮށް ފަށާ ހިސާބުން އެމަނިކުފާނުގެ ފިކުރަށް ތާއިދު ކުރައްވާ ފަރާތްތަކުން އެ ޕާޓީއަށް ގުޅިވަޑައިގަތުމަށް ރައީސް ޔާމީން ވަނީ ގޮވާލައްވާފައިފަ އެވެ.
"އޭގެ ބޭނުމަކަށް ވަނީ ސުޕްރީމް ކޯޓުގެ ހުކުމް އަންނަ ހިސާބުން އަޅުގަނޑު ވެސް އާ ޕާޓީއަށް ގުޅެން ޖެހޭނެ އެނގޭތޯ،" ރައީސް ޔާމީން ވިދާޅުވި އެވެ.
އާ ޕާޓީއެއް ހަދަން ޖެހެނީ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ދިމާވި ގޮތް އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދިމާވެދޭނެ ކަމުގެ ބިރު އޮތުމުން ކަމަށް ރައީސް ޔާމީން ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން ޕީޕީއެމްގެ ނަމުގައި ދެ ފިކުރެއްގެ ބަޔަކު ނިކުމެ އެ ޕާޓީއަށް ނާކާމިޔާބީއާ ކުރިމަތި ލާން ޖެހުނު ކަމަށާއި އެ ތަޖުރިބާ ދެ ވަނަ ފަހަރު ކުރަން ބޭނުން ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އެގޮތުން ޕީޕީއެމްގެ ނަމުގައި އަންނަ އަހަރު އޮންނަ މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށް ޓިކެޓް ދީފައިވާ ފަރާތްތައް، އާ ޕާޓީއެއް ހެދުމުން އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފަ އެވެ.
ޕީޕީއެމް އަށް ނިސްބަތްވާ ބޭފުޅުން އިސްނަގައިގެން ރަައީސް ޔާމީން ފަހަތުގައި ހުންނަވާ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާއިރު މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްގެ ނަމުގައްޔާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި އާ ސިޔާސީ ދެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަނުން ވަނީ ދީފަ އެވެ.