އިންޑިއަން އައިޑޮލް ސީޒަން 10ގެ ތަށި، ފުރަތަމަ ޝޯ އިން ފެށިގެން ވެސް މޮޅު ހުށަހެޅުންތަކެއް ގެނެސްދިން ސަލްމާން އަލީ އުފުލާލައިފި އެވެ.

ރޭ ބޭއްވި ފިނާލޭ ޝޯގައި ސަލްމާން އިންޑިއަން އައިޑޮލްގެ 10 ވަނަ ސީޒަން ކާމިޔާބު ކުރީ ފައިނަލުގައި އަންކުޝް ބަރުދްވާޖް އަދި ނިލާންޖަނާ އާއި ވާދަކޮށެވެ. ގަދަ ފަހެއްގައި ދެން ހިމެނުނީ ނިތިން ކުމާރު އަދި ވިބޯރު އެބެ. ޝޯ ކާމިޔާބު ކުރުމުން ސަލްމާނަށް ވަނީ ޓްރޮފީގެ އިތުރުން 25 ލައްކަ ރުޕީޒް އާއި ކާރެއް ވެސް އިނާމުގެ ގޮތުގައި ލިބިގެން ގޮސްފަ އެވެ. ޝޯގެ ވަނަތައް ހޮވައިފައި ވަނީ ޖަޖުންގެ މާކުހާއި އާންމުންގެ ވޯޓުންނެވެ. ސަލްމާނަށް އެތައް ބަޔަކު މަރުހަބާގެ މެސެޖުތައް ފޮނުވަމުން އަންނަ އިރު، އިންޑިއަން އައިޑޮލް ކާމިޔާބު ކުރެވުނުކަން އަދިވެސް ޔަގީން ނުވާ ކަމަށް ސަލްމާން ވަނީ ބުނެފައެވެ. ސަލްމާން ވަނީ އެ ޓްރޮފީ ކާމިޔާބު ކުރުމަށް އެހީތެރިވެ ދިން އެންމެނަށް ޝުކުރު އަދާކޮށްފައެވެ. މި ސީޒަނުގެ ޖަޖުންގެ ގޮތުގައި ފެނިގެން ދިޔައީ ވިޝާލް ދަދްލާނީ، ނޭހާ ކައްކަރު އަދި އަނޫ މަލިކްއެވެ. ނަމަވެސް އަނޫ މަލިކާއި ދެކޮޅަށް ކުރެވުނު ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއްގެ ސަބަބުން އޭނާ ވަނީ ވަކި ހިސާބަކުން ޝޯ ދޫކޮށްލައިފަ އެވެ. އޭގެ ފަހުން ޝޯ ކުރިއަށް ގެންދިޔައީ ގެސްޓް ޖަޖުން ބައިވެރިކޮށްގެންނެވެ. އިންޑިއަން އައިޑަލްގެ މި ސީޒަނަކީ އެންމެ ގިނަ އަދަދެއްގެ ބަޔަކު ބެލި ސީޒަން އެވެ. ސީޒަންގެ ފިނާލޭ އެޕިސޯޑުގައި ޝާހުރުކް ޚާން، އަނުޝްކާ ޝަރްމާ އަދި ކެޓްރީނާ ކައިފް ބައިވެރިވި އިރު، ޖަޖުންގެ ފުރިހަމަ ހުށަހެޅުންތަކެއް ވެސް ފެނިގެން ދިޔައެވެ.