24 Dec 2018, 10:05
ޖަކާޓާ (ޑިސެމްބަރު 24): އިންޑޮނޭޝިއާގައި ގޮވަމުންދާ އަލިފާން ފަރުބަދައިގެ ސަބަބުން، އެފަރުބަދައާ ކައިރީގައި އޮންނަ ސަރަހައްދުތަކަށް އިތުރު ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު އެގައުމުގެ ކަމާ ބެހޭ އިދާރާތަކުން ދީފި އެވެ.
ޖާވާ އާއި ސުމަތުރާގެ މެދުގައި އޮންނަ ރަށެއްގައި ހުރި އެފަރުބަދަ ހޮނިހިރު ދުވަހު ގޮވުމުގެ ސަބަބުން އެރި ސުނާމީގައި އެ ދެ ރަށުގެ 281 މީހަކު ވަނީ މަރުވެފަ އެވެ. އަދި 1،016 މީހުންނަށް ވަނީ އަނިޔާވެފަ އެވެ.
އިންޑޮނޭޝިއާގެ ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޭޖެންސީގެ ތަރުޖަމާނު ސުޓޮޕޯ ޕުރޮވޯ ނުގުރޮހޯ ވިދާޅުވި ގޮތުގައި އަނަކް ކްރަކަޓޯއާ ފަރުބަދަ ގޮވަމުން ދިޔުމުގެ ސަބަބުން، އިތުރު ސުނާމީއެއް އެރުމުގެ ފުރުސަތު އެބަ އޮތެވެ. އެހެންކަމުން އާއްމު ރައްޔިތުން މޫދާ ކައިރިއަށް ނުދިޔުމަށާއި އައްސޭރިފަށާ ދުރުގައި ތިބުމަށް އެގައުމުގެ މީޓިއޮރޮލޮޖިކަލް އޭޖެންސީން ވަނީ އަންގާފަ އެވެ.
އެއޭޖެންސީން ލަފާ ކުރާ ގޮތުގައި ސުނާމީ އަރާފައި ވަނީ ފަރުބަދަ ގޮވުމުގެ ސަބަބުން ކަނޑު އަޑީގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުންނެވެ.

އިންޑޮނޭޝިއާއަށް ސުނާމީ އެރީ ޖާވާ އާއި ސުމަތުރާގެ މެދުގައި އޮންނަ އަނަކް ކްރަކަޓޯއާ ފަރުބަދަ ގޮވުމުގެ ސަަބަބުން ކަމަށް ލަފާ ކުރެވޭ -- ފޮޓޯ: ބީބީސީ
އިއްޔެ ސުޓޯޕޯ ވަނީ އެސުނާމީ އަރާފާނެ ކަމުގެ އިންޒާރު ނުދެވުނު ސަބަބު ހިއްސާ ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އިންޑޮނޭޝިއާގެ 'އާލީ ވޯނިން ސިސްޓަމް' ހަދާފައި ވަނީ ބިންހެލުންތައް މޮނިޓާ ކުރެވޭ ގޮތަށެވެ. ނަމަވެސް ކަނޑުއަޑީގައި ބިންގަނޑު ކަނޑައިގެން ދިޔުމާއި އަލިފާން ފަރުބަދަ ގޮވުން މޮނިޓާ ކުރާ ގޮތަކަށް ނޫނެވެ.
އަދި ދުނިޔޭގެ 13 ޕަސެންޓު އަލިފާން ފަރުބަދަތައް ހުންނަނީ އިންޑޮނޭޝިއާގައި ކަމުން، ފަރުބަދަ ގޮވުން މޮނިޓާ ކުރާ ވޯނިން ސިސްޓަމެއް ހުރުމުގެ މުހިއްމު ކަންވެސް ސުޓޯޕޯ ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން އޭނާ ވަނީ 2012 ވަނަ އަހަރުން ފެށިގެން އެގައުމުގައި ބޭނުން ކުރެވޭ ފަދަ ސުނާމީ ވޯނިން ސިސްޓަމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެ ސަބަބުތަކުގެ ތެރޭގައި އެކަމަށް ފަންޑު ނުލިބުމާއި ޓެކްނިކަލް މައްސަލަތައް އޭނާ ފާހަގަ ކުރެއްވި އެވެ.
ނުގުރޮހޯ ވަނީ ސުނާމީގެ ސަބަބުން 558 ގެޔަކަށާއި ނުވަ ހޮޓަލަކަށާއި 60 ރެސްޓޯރެންޓަށާއި 350 ބޯޓަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.