24 Dec 2018, 09:13
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދުގެ އަރިހަށް އިންޑިއާގެ ސަފީރުގެ އަނބިކަނބަލުން ރީތީ މިޝްރާ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
އިއްޔެ މުލީއާގޭގައި އޮތް އެ ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުވުމުގެ މުހިންމުކަން ފާހަގަ ކުރައްވައި އެފަދަ ފަރާތްތަކަށް އެހީތެރިކަންދޭނެ ހަރުދަނާ ނިޒާމެއް ގާއިމުވެފައި އޮތުމުގެ މުހިންމުކަން ފާހަގަ ކުރެއްވި އެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ތައުލީމީ ހަޔާތް ބައްޓަންކުރުމުގައި ހަރަކާތްތެރިވާނެ ތަމްރީނު ލިބިފައިވާ ފަރާތްތައް މަދުކަން ފާހަގަ ކުރެއްވި އެވެ. އަދި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބައިވެރިވުން މުޖުތަމަޢުގައި އިތުރުކޮށް، އެފަދަ ފަރާތްތަކަށް ވެސް އެކަށީގެންވާ ހުނަރު ދަސްކޮށްދިނުމުގެ މުހިންމު ކަމުގެ މައްޗަށް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވި އެވެ.