24 Dec 2018, 01:16
ސަފާރީ އާއި އެފަދަ އެހެން އުޅަނދުތައް މާލެ ކައިރީގައި އަޅާނެ ބަނދަރެއް ގާއިމް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެ ވައުދު ފުއްދަވާނެ ކަމަށް އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ލިވަ ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވަސް (ލޭމް) އިން އިންތިޒާމް ކޮށްގެން މިރޭ ހުޅުމާލޭގައި ބޭއްވި ބޯޓިން އެވޯޑް ދިނުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، އެ އެސޯސިއޭޝަން އުފެދުނީއްސުރެ ވެސް ދިމާވެފައި އެންމެ ބޮޑު ދައްޗަކީ ސަފާރީތައް އަޅާނެ ބަނދަރެއް ނެތުން ކަމަށެވެ.
ސަފާރީތަކަށް ހާއްސަކޮށްގެން ބަނދަރެއް ނެތުމުގެ ދަތިކަން އޮތްވަރު ފާހަގަ ކޮށް ފައްޔާޒު ވިދާޅުވީ އެންމެ ފުރަތަމަ ސަފާރީތައް އަޅަމުން އައީ ގުޅީ ފަޅުގައި ކަމަށާއި އަދި އޭގެ ފަހުން ހޫޅުމާލެ ފަޅު ބޭނުން ކުރަމުން ދަނިކޮށް އެ ތަނުން ވެސް ނިކުންނަން ޖެހުނު ކަމަށެވެ.
"...މިރޭ މި ޔަގީން ކަން އަރުވަނީ ކުރިއަށް އޮތް މަސް ތަކުގެ ތެރޭގައި ސަފާރީ ބޯޓް އަޅާނެ ބަނދަރެއް މާލެ ކައިރިން ލިބޭނެ ކަމުގެ ޔަގީން ކަން،" ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީ ސަރުކާރުން ސަފާރީތަކަށް ބަނދަރެއް ހާއްސަ ކުރާނެ ކަމަށް މީގެ ކުރިން ބުނެފައިވާ ކަން ފައްޔާޒު ފާހަގަ ކުރެއްވި އެވެ. ނަމަވެސް 2012 ގައި އެ ސަރުކާރު ބަދަލުވުމުން އެކަން ހުއްޓިގެން ދިޔަ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.