24 Dec 2018, 00:02
އަންނަ އަހަރުގެ އޭޕްރީލް މަހުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބްގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފި އެވެ.
ޖޭޕީން މިރޭ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެ ޕާޓީގެ ޓިކެޓްގައި މަޖިލީހުގެ ގޮނޑިއަށް ވާދަކުރުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ފަހެއް ޖެހުމާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ޖޭޕީގެ ޓިކެޓްގައި މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގަ އެވެ. ހުރިހާ ދާއިރާތަކަކަށް ކުރިމަތިލުމަށް ހުޅުވާލި ނަމަވެސް ޖޭޕީން ވާދަ ކުރާނެ ދާއިރާތައް އަދި ނިންމާފައި ނުވާ ކަމަށް އެ ޕާޓީން ބުނެއެވެ.
"...ޖުމްހޫރީ ޕާޓީގެ ފަރާތުން ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ވާދަކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް އެފުރުސަތު ހުޅުވާލީ. އަދި އެގޮތުން ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ޖުމްހޫރީ ޕާޓީގެ މައި އިދާރާއަށް އެކަންކަން ހުށަހަޅުއްވަމުން ގެންދަވަންވީ. އެއާއެކު އަޅުގަނޑުމެން އިދާރީގޮތުން ކުރަންޖެހޭ ކަންކަންކޮށް އިއުލާން ކުރަންޖެހޭ ކަންކަން އިއުލާންކުރާނަން" އެ ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހު ވިދާޅުވި އެވެ.
ޖޭޕީން ކުރިން ނިންމާފައި އޮތީ ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް މަޖިލީހުގެ 22 ދާއިރާއަށް ކުރިމަތިލުމަށެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އެމްޑީޕީ ވާދަ ކުރާނީ 35 ދާއިރާއަށެވެ. އަދާލަތު ޕާޓީއަށް 13 ދާއިރާ ލިބޭއިރު ކުރީގެ ރައީސް މައުމޫންއަށް ލިބޭނީ 17 ދާއިރާ އެވެ.
މަޖިލިހުގެ އިންތިޚާބަށް އެމްޑީޕީން ހުރިހާ ދާއިރާތަކަކަށް ކުރިމަތި ލާން ނިންމައި ޓިކެޓަށް ހުޅުވާލުމުން ނިލަންދޫ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ވަނީ ކުރިމަތިލާފަ އެވެ. އެ ޕާޓީގެ ޓިކެޓު ދޭނެ ބަޔަކު ކަނޑައެޅުމުގެ ޕްރައިމަރީ އަންނަ މަހުގެ 18 ގައި ބާއްވަން ވަނީ ނިންމައިފަ އެވެ.