އެއާޕޯޓު ޑިވެލޮޕްމަންޓް ޗާޖްގެ ގޮތުގައި ޖީއެމްއާރުން އަންނަ ޖެނުއަރީ މަހުން ފެށިގެން ނަގަން ނިންމާފައިވާ 25 ޑޮލަރާއި އިންޝުއަރެންސްގެ ގޮތުގައި ނަގަން ނިންމާފައިވާ ދެ ޑޮލަރަކީ ޖީއެމްއާރާއި ސަރުކާރާއިމެދު ވެފައިވާ އެގްރީމެންޓާ ޚިލާފަށް ނަގަން ނިންމާފައިވާ ފައިސާއެއްކަމަށް އިމާދު ސޯލިހު ޝަރީއަތުގައި ވިދާޅުވެއްޖެއެވެ.

އެއާޕޯޓު ޑިވެލޮޕްމަންޓް ޗާޖްގެ ގޮތުގައި އިބުރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް 25 އަހަރަށް ސަރުކާރުން ހާވާލުކޮށްފައިވާ އިންޑިޔާގެ ޖީއެމްއާރު ކުންފުނިން ނަގަން ނިންމާފައިވާ ފައިސާއަކީ ގާނޫނު އަސާސީއާއި ޚިލާފަށް ނެގުމަށް ނިންމާފައިވާ ފައިސާއެއްކަމަށް ކަނޑައަޅައި ދިނުމަށް ގައުމީ ޕާޓީގެ ނާއިބު ރައީސް އިމާދު ސޯލިހު ހުށަހަޅުއްވާފައިވާ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި އިމާދު ވަނީ ދައުލަތަށް ރައްދު ދެއްވާފަ އެވެ.

ކުރީގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލް ބުނެފައިވަނީ އެ ފައިސާއަކީ ދައުލަތުން ނަގަން ނިންމަވާފައިވާ ފައިސާއަކަށް ނުވާތީ އެއީ ގާނޫއަސާސީއާއި ޚިލާފަށް ނެގުމަށް ނިންމާފައިވާ ފައިސާއެއްކަމަށް ބެލެވެން ނެތްކަމަށެވެ.

މިއަދުގެ ޝަރީއަތުގައި އިމާދު ވިދާޅުވީ ޖީއެމްއާރާ އެއާޕޯޓު ހަވާލުކުރިއިރު ޖީއެމްއާރުން ދައުލަތަށް އެޑުވާންސްގެ ގޮތުގައި 78 މިލިޔަން ޑޮލަރު ދީފައިވުމުގެ ސަބަބުން ޖީއެމްއާރުން ދައުލަތަށް ފައިސާ ނުލިބޭކަމަށް ބުނެ ދައުލަތަށް ދެއްކޭނެ ގާނޫނީ އެއްވެސް ހުއްޖަތެއް ނޯންނާނެކަމަށެވެ.

އިމާދު ގެ ބަޔާނުގައި ފާހަގަކުރެއްވި ނުކުތާތަކަށް ލިޔުމުން ޖަވާބުދާރީ ވުމުގެ ފުރުސަތަކަށް ދައުލަތުގެ ވަކީލް އެދިވަޑައިގަތުމުން ގާޒީވަނީ އެފުރުސަތު ދައުލަތުގެ ވަކީލަށް ދެއްވާފައެވެ.

މިއަދުގެ އަޑުއެހުން ނިންމާލައްވަމުން ހައިކޯޓުގެ ގާޒީ ވިދާޅުވީ މިމައްސަލައިގެ އަޑުއެހުމެއް ދެން ބާއްވާނީ މިމަހުގެ 20 ވަނަ ދުވަހުކަމަށެވެ.