23 Dec 2018, 22:33
ކީރިތި ރަސޫލާގެ ހަދީސްތަކުގެ ދިވެހި ތަރުޖަމާތައް ގިނަ އަދަދަކަށް ލިބެން އެނބަހުރި ކަމަށާއި އެ ހަދީސްތަކުން ރިވެތި ދިރިއުޅުމެއް އުޅެވޭނެ އެތައް ފިލާވަޅުތަކެއް ލިބޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝެއިހް ހުސެއިން ރަޝީދު އަހްމަދު ލިޔުއްވާފައިވާ ޝަހީހުލް މުސްލިމްގެ ނުވަ ވަނަ ބައި ނެރުއްވުމަށް އިސްކަންދަރު ސުކޫލް ހޯލްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ހަދީސްތަކުގައި ޒަމާންވީ ހަރުދަނާ ހަމަތަކެއް ފެންނަން އެބަހުރި ކަމަށާއި އޭގެ ބޭނުން ކޮންމެ މީހަކު ވެސް ހިފަން ޖެހޭ ކަމަށެވެ.
އެގޮތުން ޔުނިވަސިޓީގައި ވެސް ހަދީސްގެ ތަރުޖަމާތައް ބޭނުން ކުރަން ޖެހޭކަން ނަޝީދު ވަނީ ފާހަގަކުރައްވައިފަ އެވެ.
"އަޅުގަނޑަކަށް މާބޮޑަކަށް ޔަގީނެއް ނޫން ކޮން މިންވަރަކަށްތޯ ރާއްޖޭގެ ޔުނިވަސިޓީގައި މި ހަދީސް ފޮތްތައް ބޭނުން ކުރަމުން ދަނީ. އެހެން ނަމަވެސް އަޅުގަނޑަށް ފެންނަ ފެންނުމުގައި ބުހައިރީގެ ތަރުޖަމާ ވެސް މުސްލިމްގެ ތަރުޖަމާ ވެސް މިހާރު އަޅުގަނޑުމެނަށް ލިބެމުން އެބަދޭ. އެހެންވީމާ އެ ތަރުޖަމާގެ ބޭނުން ވީހާ ވެސް ގިނަ ބޭފުޅުން ހިއްޕެވުމަކީ ބޭނުންތެރި ކަމެއް،"
"ހަމަ އެކަނި އޭގެން އިތުރު މައުލޫމާތުތަކެއް ލިބުމެއް ނޫން އަދި އަޅުގަނޑުމެނަށް ރިވެތި ދިރިއުޅުމެއް އުޅެވޭނެ ކިތަންމެ ފިލާވަޅުތަކެއް މި ތަރުޖަމާތަކުން އަޅުގަނޑުމެނަށް ލިބެމުން އެބަދޭ،" ނަޝީދު ވިދާޅުވި އެވެ.
ޞަހީހުލް މުސްލިމްގެ ދިވެހި ތަރުޖަމާ ނެރުމަށް ބޭއްވި ރަަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ
ޝަހީހުލް މުސްލިމްގެ ފުރަތަމަ ތިން ފޮތް ވެސް ނެރެދެއްވީ އެމަނިކުފާނުކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ ވޭތުވެ ދިޔަ 12 ވަރަކަށް އަހަރުގައި ޖަލުތަކާއި ރާއްޖެ އިން ބޭރުގައި އެމަނިކުފާނު ހޭދަކުރެއްވި ދުވަސްތަކުގައި އަބަދު ވެސް ހަދީސް ފޮތެއް އޮންނަ ކަމަށެވެ. އަދި ހަދީސްގެ ދިވެހި ތަރުޖަމާތައް އެމަނިކުފާނު އަބަދު ވެސް ކިޔުއްވާ ކަމަށް ވިދާޅުވި އެވެ.
ނަޝީދު އެހެން ވިދާޅުވެފައިވާ އިރު، އެ މަނުކުފާނުގެ ވެރިކަން ނިމުމަށް ފަހު، ޑެންމާކްގައި ބޭއްވި ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މީހަކު ނިދި ނައިސްގެން ވެސް ޝައިޚަކަށް ގުޅާލާފައި ތިމަންނާ މިއުޅެނީ ނިދިނައިސްގެންނޭ، ކިހިނެއްހޭ އަހައިފި ނަމަ ޝައިޚް ދެއްވާނީ ރަސޫލާގެ ހަދީސްއެއް ކަމަށެވެ. އަދި އެ ނޫން ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.
ނަޝީދުގެ އެ ވާހަކަތަކަށް އޭރު ވަނީ ދީނީ ގިނަ އިލްމްވެރިން ކުށްވެރި ކުރައްވާފަ އެވެ.