23 Dec 2018, 20:09
ރާއްޖެއިން ސްރީލަންކާ އަށް ކަނޑައަޅާފައިވާ ސަފީރުގެ ނައިބަކަށް ގެސްޓް ހައުސް އެސޯސިއޭޝަންގެ ނައިބް ރައީސް މުހައްމަދު ފައިސަލް މިއަދު އައްޔަނު ކޮށްފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ރިފޯމް މޫވްމަންޓްގައި އިސްކޮށް ހަރަކާތްތެރިވާ ފައިސަލް ވަނީ މީގެ ކުރިން ސާކްގެ ޗެމްބާ އޮފް ކޮމާސްގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރު ކަން ވެސް ކުރައްވާފަ އެވެ. އަދި މޯލްޑިވްސް ނޭޝަނަލް ކޮންސްޓްރަކްޝަން ޑިވެލޮޕްމަންޓް ބޯޑްގެ މެމްބަރު ކަމާއި ތައުލީމީ ފަންޑުގެ މެމްބަރު ކަން ވެސް އޭނާ ވަނީ އަދާކޮށްފަ އެވެ.
ރާއްޖެއިން ލަންކާއަށް ކަނޑަޅާ ސަފީރުގެ ނައިބަކަށް ފައިސަލް އައްޔަނު ކޮށްފައިވާއިރު، ސަފީރުގެ މަގާމަށް ވަނީ އުމަރު އަބްދުއްރައްޒާގު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފަ އެވެ. ނަމަވެސް އޭނާއަށް އަދި ސަފީރު ކަމުގެ ފަތްކޮޅެއް ނާރުއްވަ އެވެ.