23 Dec 2018, 18:10
މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ޓެކްސީތަކުން ނަގާ އަގުތައް ބެލުމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އެ މިނިސްޓްރީގެ އޮފިޝަލުން ޓެކްސީތަކަށް އެރުމަށް ނިންމައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ ޓްރާންސްޕޯޓު އޮތޯރިޓީން ކަނޑައަޅާފައިވާ އަގާއި ހިލާފަށް ހުޅުމާލެ އާއި މޭލެއާ ދެމެދު ދަތުރުކުރާ ޓެކްސީތަކުން ބޮޑެތި އަގުތައް ނަގާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
އެހެން ކަމުން އެކަން މިނިސްޓަރުގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް އޮފިޝަލުންތަކެއް މާދަމާގެ އެކި ގަޑިތަކުގައި ބްރިޖު ހުރަސްކޮށް މާލެއާ ހުޅުމާލެއާ ދޭތެރޭ ދަތުރުކޮށް ޓެކްސީތަކުން ނަގާ އަގު ބަލެމަށް ހަމަޖެހިފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ބްރިޖު ހުޅުވުމަށް ފަހު އޭރު ޓްރާންސްޕޯޓު އޮތޯރިޓީ އިން ކަނޑައެޅި އަގުތަކަކީ މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކޮޅަކަށް 40 ރުފިޔާ އެވެ. އަދި ދެ ރަށުން ވެސް ހުޅުލެއަށް ދަތުރުކުރުމަށް ކޮޅަކަށް 35 ރުފިޔާ އެވެ.
މާލެ އަދި ހުޅުމާލޭގެ އެތެރޭގައި ކުރިއެކޭ އެއްފަދައިން 25 ރުފިޔާ އެވެ. ޑިކީއަށް ދާގީނާ ލާ ނަމަ އަދި ރޭގަނޑު 12ގެ ފަހުން ދަތުރު ކުރާ ނަމަ އިތުރު ފަސް ރުފިޔާ ނެގިދާނެއެވެ.
ނަމަވެސް ގިނަ ޓެކްސީތަކުން ބްރިޖުމަތިން ކުރާ ކޮންމެ ދަތުރަކަށް 100 ރުފިޔާ ނަގަ އެވެ. ހުޅުލެއަށް ކުރާ ދަތުރަކަށް ވިޔަސް، ހުޅުމާލެ އަދި މާލެއަށް ކުރާ ދަތުރަކަށް ވިޔަސް ބްރިޖު ނުވަތަ ހައިވޭ ހުރަސްކުރާ ނަމަ 100 ރުފިޔާ ނަގަ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އިން ކަނޑައަޅާފައިވާ ޓެކްސީ ކުރުމުގެ އަގުތަކާ ހިލާފަށް ބައެއް ޓެކްސީ ޑްރައިވަރުން އަގު ނަގާކަމުގެ ޝަކުވާ ލިބެމުން އަންނާތީވެ، ގަވައިދާ ހިލާފުވޭތޯ ބެލުމަށް ޓެކްސީތައް ހުއްޓުވައި ސުވާލު ކުރުމަށް ފުލުހުން ވެސް ވަނީ ނިންމާފަ އެވެ.