ދިވެހިރާއްޖެއިން ޖަރުމަނަށް ދަތުރުކުރަން އެދޭ ފަރާތްތަކަށް ރާއްޖޭގައި ހުރެގެން ޝެންގެން ވިސާއަށް އެޕްލައިކުރެވޭނެ ވަގުތީ ކްލިނިކެއް ޖެނުއަރީ މަހު ރާއްޖޭގައި ގާއިމުކުރާނެކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއީ ރާއްޖޭގައި ހުރެގެން ޝެންގެން ވިސާއަށް އެޕްލައިކުރުމުގެ ޚިދުމަތް ފަހިވާ ފުރަތަމަ ފަހަރު ކަމަށެވެ.

މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ވަގުތީ ކްލިނިކް ރާއްޖޭގައި ގާއިމުކުރަނީ ޖަރުމަނަށް ދަތުރުކުރާ ދިވެހީންނަށް ލުއިފަސޭހަކަމާއެކު ވިސާއަށް އެޕްލައިކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް ސަރުކާރުން ޖަރުމަނު ސަރުކާރުގައި އެދުމުން ކަމަށެވެ.

ޖަރުމަނު ޝެންގެން ވިސާއަށް ދޫކުރާ ވަގުތީ ބަޔޯމެޓްރިކް ކްލިނިކް ރާއްޖޭގައި ގާއިމުކޮށްފައި ހުންނާނީ އަންނަ 2019 ވަނަ އަހަރުގެ ޖެނުއަރީ 27 އިން އެ މަހުގެ 28 އަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ކަމަށެވެ. އަދި ކްލިނިކު ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ހަވީރު 6:00 އަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

ވިސާއަށް އެޕްލައިކުރާ ފަރާތްތަކުގެ އަދަދަށް ބަލައި، ވިސާ ކްލިނިކުގެ މުއްދަތު އިތުރުކުރާނެކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ ކްލިނިކު މެދުވެރިކޮށް ވިސާ އެޕްލިކޭޝަންގެ ހިދުމަތް ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް އެޕްލިކޭޝަން ފުރިހަމަކުރުމަށްފަހު އެޕޮއިންޓްމަންޓު ހެދުމަށް ޖަރުމަނު އެމްބަސީން އެދޭކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ޖެނުއަރީ 25 ވަނަ ދުވަހުގެ ހަވީރު 5:30 އާ ހަމައަށް އެޕޮއިންޓްމަންޓް ހެއްދޭނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ކްލިނިކު ގާއިމުކުރުމަކީ ރާއްޖެއާ ޖަރުމަނު ސަރުކާރާ ދެމެދު އޮތް ގާތް ގުޅުން ދައްކުވައިދޭ ކަމެއް ކަމަށެވެ.

އަދި ޖަރުމަނުގައި އަންނަ އަހަރުގެ މާޗު މަހު ބާއްވާ އައިޓީބީ ބަލިން ފެއާއަށް ދަތުރުކުރާ ދިވެހީންނަށްވެސް ލުއިފަސޭހަތަކެއް ލިބޭނެ ކަމެއް ކަމަށެވެ.

މިއަހަރުގެ އައިޓީބީ ބާލިން ފެއާ އާ ދިމާކޮށް ރާއްޖެއިން ޖަރުމަނަށްދާ ފަރާތްތަކަށް ވިސާގެ ކަންތައް ލުއިފަސޭހަކުރުމަށް ޓެމްޕޮރަރީ ބަޔޯމެޓްރިކް ސެންޓަރެއް ގާއިމް ކުރަން ނިންމި ނަމަވެސް ސިޔާސީ މަސްރަހު ހަލަބޮލިވުމުގެ ސަބަބުން އެ ސެންޓަރު ގާއިމް ނުކުރާގޮތަށް ނިންމިއެވެ.