24 Dec 2018, 09:05
މެދުޒިޔާރަތްމަގު އާންމު ޓްރެފިކަށް ހުޅުވާލާނީ އަމީރު އަހުމަދު މަގު ހުޅުވާލުމުން ޓްރެފިކަށް އަންނަ ބަދަލަށް ބަލާފައި ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނަހުލާ "ސަން" އަށް ވިދާޅުވީ، އަދި ނިންމާފައި އޮތީ މެދުޒިޔާރަތްމަގު، މާބުލް ޖަހާފައިވާ ސަރަހައްދު މިހާރު އޮތްގޮތަށް ބޭއްވުމަށް ކަމަށެވެ.
"އަމީރު އަހުމަދު މަގު ހުޅުވާލުމަށްފަހު ޓްރެފިކަށް އަންނަ ބަދަލަށް ބަލާފައި އެ މަގު ހުޅުވާލަން ނިންމާނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މެދުޒިޔާރަތް މަގު ހުޅުވާލުމާ ގުޅޭގޮތުން "ސަން"ގައި ޝާއިއު ކުރި ދެ ރިޕޯޓަކަށް މައުލޫމާތު ހިއްސާކުރި ގިނަ ފަރާތްތަކުންވެސް ވަނީ، ރައްޔިތުންގެ ތެރޭން އެންމެ ގިނަބަޔަކަށް ފައިދާކުރާނީ އެ މަގު މިހާރު އޮތްގޮތަށް ބޭއްވުންމުން ކަމަށް ބުނެފައެވެ. އަދި އެ ރިޕޯޓުތަކަށް ކިޔުންތެރިން ކޮށްފައިހުރި ކޮމެންޓުތަކަށް ބަލާއިރު، އެ މަގު ހުޅުވާލުމަށް ރައްޔިތުން ބޭނުން ނުވާކަން ހާމަވެއެވެ.
އެ ސަރަހައްދަކީ އިސްލާމީ މަރުކަޒަށް ނަމާދަށް ދާ ފަރާތްތަކަށާއި ރަސްރަނި ބަގީޗާއަށް ކުދިން ގޮވައިގެން ދާ އާއިލާތަކަށްވެސް ރައްކާތެރި ސަރަހައްދެއްކަމަށް އާންމުން ބުނެއެވެ.
މެދުޒިޔާރަތްމަގު އާންމުކޮށް ހުޅުވާލުމަށް މިހާރު ކުރަމުންދަނީ އެ މަގުގައި ގާ އެތުރުމުގެ މަސައްކަތެވެ. އެ މަގުގައި މާބުލް ޖަހާފައިވާ ސަރަހައްދު ތަޅާލައި އާންމު ޓްރެފިކަށް ހުޅުވާލަނީ ޕާކިން ސަރަހައްދަކާއެކުއެވެ.