23 Dec 2018, 16:17
ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ މަޖީސް އިންތިހާބުގެ ޕްރައިމަރީ އަށް ޝަކުވާހުށަހެޅުން މި ހަފްތާގެ ބުރާސްފަތި ދުވަހަށް އިތުރުކޮށްފިއެވެ.
އަންނަ މަހު 18 ވަނަ ދުވަހު ބާއްވާ އެޕާޓީގެ ޕްރައިމަރީ އަށް 86 ދާއިރާއަކަށް 280 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ.
އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެޕާޓީ ޕްރައިމަރީގެ ވޯޓާސް ލިސްޓް އިއްޔެ އާންމުކުރެވިފައިވާ ކަމަށާއި އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އަށް ޝަކުވާ ހުށަހެޅުމުގެ ފުރަސަތު ހުޅުވާލާފައިވާ ކަމަށެވެ.
MDP Majlis Primary 2019 ge voters list ah shakuvaa husha’elhumuge mudhdhathu ithuru kurevifaivaa vaahaka dhannavan.Shakuvaa husha’elhumuge sungadi akee 27 December 2018 vaa Buraasfathi dhuvahuge 16:00https://t.co/mNYXXXEHXU…pic.twitter.com/dwo6dm9Ssq
— MDP Secretariat (@MDPSecretariat)December 23, 2018
ޕްރައިމަރީ އާ ދިމާކޮށް ގިނަ ބަޔަކު ވަނީ އެ ޕާޓީއަށް ސޮއި ކޮށްފައެވެ. އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވާ އަވްޝަން ލަތީފު މީގެ ކުރިން "ސަން" އަށް ވިދާޅުވެފައި ވަނީ، ޕްރައިމަރީއާ ދިމާކޮށް 33،000 އަށް ވުރެ ގިނަ މެމްބަރުން ޕާޓީއަށް ވަނުމަށް ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
އަލަށް ގުޅުނު މެމްބަރުންނާ އެކު އެ ޕާޓީގެ މެމްބަރުންގެ އަދަދު 81،000 އަށް ވުރެ ގިނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަންނަ އެޕްރީލް މަހު ހަ ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބަށް އެ ޕާޓީގެ ފަރާތުން ނިލަންދޫ ދާއިރާ ފިޔަވާ އެހެން ހުރިހާ ދާއިރާތަކަށް ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ.
އަދި 86 ދާއިރާގެ ތެރެއިން ނުވަ ދާއިރާއެއްގެ ޕްރައިމަރީއެއް ނޯންނާނެއެވެ. ނުވަ ދާއިރާއަކަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވުމުން ޕްރައިމަރީ އަކާ ނުލައި އެބޭފުޅުންނަށް ޓިކެޓް ވަނީ ކަށަވަރުވެފައެވެ. އޭގެ ތެެރޭގައި މިހާރުވެސް މަޖިލިސް މެމްބަރުކަން ކުރައްވަމުން އަންނަ ތިން މެމްބަރަކު ހިމެނެއެވެ.